ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ފިކުރެއްގެ މައްޗަށް ބިނާވެފައި އޮތް ޕާޓީއެއްކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި އަދުރޭ ދެއްކެވި ވާހަކައިގެ މައިގަނޑު އަމާޒަކަށް ވެފައި ވަނީ، ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދަރިކަނބަލުން މިހާރުގެ ފަންނާއި، ތަރިކައިގެ ވަޒީރު ޔުމްނާ މައުމާނާއި، މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ މައްޗަށެވެ.
އަދުރޭ ޔުމްނާއަށް ރައްދުދެއްވީ ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާއިގުޅިގެން އަދިވެސް "ޖަލުތައް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލައްލާނީ ދެއްތޯ؟ ކުރީގައި ޖަލަށްލެވުނުވަރު މަދީތޯ" ސުވާލު ކުރައްވާ ކުރެއްވި ޓްވީޓައި ގުޅުވައިގެންނެވެ. އަދުރޭ ވިދާޅުވީ ރާއްޖެގައި އެންމެ "ޖައްބާރު" ވެރިކަމެއް ކުރެއްވީ ރައީސް މައުމޫނު ކަމަށެވެ.
އަދި ރައީސް މައުމޫންގެ އަނިޔާވެރިކަމުގެ ވާހަކަ އޭނާގެ ތަޖުރިބާގެ އަލީގައި ވިދާޅުވެދެއްވިއެވެ. އޭގެ ތެރޭގައި އޭނާ އެސްޓީއޯއިން ވައްކަންކުރިކަމަށްބުނެ ޙުކުމްކޮށް ޖަަލަށްލި ގޮތުގެ ވާހަކައާއި، ޖަލު ގޮޅީގެ ތަޖުރިބާއާއި، ޖަލުގެ ބޭރުގައި އުލުބައިންދާފައި އޮތް ދުވަހެއްގެ ވާހަކައިންނާއި، އަދުރޭ ހަވާލުވެ ހުންނެވި ވޯޓު ފޮއްޓަކަށް ނުބައި ފާހަގައެއް ޖަހައި މީހަކު ވޯޓުލުމުން އަދުރޭ ވަޒީފާއިން ވަކިކުރެއްވި ވާހަކައާއި، އަދި ބައެއް މީހުންނަށް ދިން އެހެން އަނިޔާތައް ވެސް އޭނާ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކާގައި ވަނީ ކުރީގެ ރައީސް މައުމޫންގެ ނަންފުޅު ބޭނުންކޮށްގެން ބައެއް ޕާޓީތަކުން ވާހަކަ ދައްކަމުންދާކަމަށް ވިދާޅުވެ އެމަނިކުފާނު ބަޔާނެއް ނެރުއްވާފައިވާތީ އެކަމަށް ވެސް ރައްދު ދެއްވާފައެވެ.
"ދެންއޮތް ވާހަކައަކީ އެކިއެކި ޕާޓީތަކުން ތިމަންނަމެންގެ ނަން ބޭނުންކޮށްގެން ސަޕޯޓު ހޯދަން އެބަ މަސައްކަތްކުރެއޭ އެބަބުނޭ، މިއީ އެންމެ ހިނި އަންނަ ވާހަކަ، ކޮން ޕާޓީއަކުންތޯ ރައީސް މައުމޫންގެ ނަން ބޭނުންކޮށްގެން ތާއިދު ހޯދަން މަސައްކަތްކުރާނީ، ހަމަގައިމުވެސް ޕީޕީއެމަކުން އެކަމެއް ނުކުރަން، ޕީޕީއެމަކީ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ އޮތް ޕާޓީއެއް،" އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމަކީ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ އޮތް ޕާޓީއެއް ކަން އެންމެ ރަނގަޅަށް އިނގިވަޑައިގަންނަވާނީ ރައީސް މައުމޫނަށް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
"މިއީ ރައީސް މައުމޫން ވަށައިގެން އެނބުރޭ ޕާޓީއެއްނަމަ މި ޕާޓީ އޮންނާނީ ރައީސް މައުމޫންގެ އަތްޕުޅުގައި، މައުމޫނު މި ޕާޓީ ދޫކޮށްލާފައި ވަޑައިގަތީމަވެސް މި ފިކުރުގައި މި ޕާޓީ މިއޮތީ، އެހެންވެ މި ދަންނަވަނީ ޕީޕީއެމަކީ ފިކުރެއްގެ މައްޗަށް ބިނާވެފައި އޮތް ޕާޓީއެކޭ، ރައީސް ޔާމީނާއެކީ ޕީޕީއެމް މިއޮތީ އެމަނިކުފާނަކީ މި ފިކުރު ދަމަހައްޓަވާ ބޭފުޅަކަށްވާތީ" އަދުރޭ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!