ސާވޭ އެއްގެ މަސައްކަތްކުރަމުންދަނިކޮށް ހުޅުމާލޭ ފަރަށް ގެއްލުންވުމުން އެ ސާވޭގައި ބޭނުން ކުރި އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފިއެވެ.
ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސާވޭ ކުރަމުން ދިޔައީ އިންޑިއާ ރިލަޔަންސްގެ ޖިއޯ ކުންފުނިންނެވެ. މިއީ ދިވެހި ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްގެން އަޅާ ސަބްމެރިން ކޭބަލްގެ ސާވޭގެ ބައެކެވެ. މި ސަބްމެރިން ކޭބަލް އެޅުމަށް ކުރާގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ 29 ގައި އެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ އެ ސާވޭގައި ބޭނުން ކުރި އުޅަނދުން ސާވޭ ކުރުމުގެ ތެރޭގައި އެ އުޅަނދުގައި ބޭނުންކުރަމުން ހައިޕެޕް ސިސްޓަމުގެ ޔޫއެސްބީއެލް ޕޯލާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު ފަރުގައި ޖެހިފައިވާކަމަށް އެ ފަރާތުން އެ އިދާރާއަށް ފޮނުވި މައުލޫމާތުން އެނގިފައިވާ ކަމަށެވެ.
އެހެންވެ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންނާއި ގުޅިގެން އެ އެޖެންސީން 13 އެޕްރީލު 2022 ގައި އެ ސަރަޙައްދަށް ކަނޑުފީނައިގެން ކުރި ސާވޭގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާކަންފާހަގަކުރެވުނު ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.
އެހެންކަމުން އީޕީއޭއިން ވަނީ ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން 198,112.73 (އެއްލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ބާރަ ރުފިޔާ ހަތްދިހަ ތިންލާރި) ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައެވެ.
އެ އިދާރާއިން ވަނީ 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 03 މެއި 2022 ގައި އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!