ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ފަސްޓްލޭޑީ ނަސީމާ މުހައްމަދު ލިޔުއްވާފައިވާ ''ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން"ގެ ފޮތުގެ 4 ވަނަ ޗާޕު މާދަމާއިން ފެށިގެން ދިވެހި ބަހުގެ އެކަޑަމީން ގަންނަން ލިބެންހުންނާނެ ކަމަށް އެ އެކަޑަމީން ބުނެފިއެވެ.

މާދަމާއިން ފެށިގެން މި ފޮތް ވިއްކަނީ އެ ފޮތަށް ބައެއް އިސްލާޙްތައް ގެނައުމަށް ފަހުގައެވެ. ދިވެހިވަހުގެ އެކަޑަމީން ބުނީން މާދަމާއިން ފެށިގެން މި ފޮތް އެ އެކަޑަމީން ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

Ad
rt

ރާއްޖޭގެ ސިއްހީ ދާއިރާއަށާއި ދިވެހި ތާރީހަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ނަސީމާ މުޙައްމަދު ދިރާސާކުރައްވައިގެން ލިޔުއްވި ފޮތްތަކުގެ ތެރޭގައި އާންމުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ''ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން'' ފޮތުގައި ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ ވާހަކަތައް ވަރަށް ތަފްސީލީ ގޮތެއްގައި ލިޔުއްވާފައިވެއެވެ.

މި ފޮތަކީ ކުރިން ލިޔެވިފައިވާ ލޯމާފާނުތަކާއި ކުރިން ލިޔެވިފައި ހުރި ބައެއް ލިޔުންތަކުން މައުލޫމާތު ނަންގަވައި ވަރަށް ބޮޑު ދިރާސާތަކެއް ކުރައްވައިގެން ލިޔުއްވާފައިވާ ފޮތެކެވެ. އަދި މި ފޮތަކީ މިހާރު ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލު ކުރަމުން ގެންދާ ދަރިވަރުންގެ އެންމެ މުއުތަބަރު ރިޕަރެންސަކަށް ބޭނުން ކުރަމުން ގެންދާ އެއް ފޮތެވެ.

މި ފޮތް މިހާރު ވަނީ އިނގިރޭސި ބަހަށް ވެސް ތަރުޖަމާ ކުރައްވާފައެވެ. 2019 ވަނަ އަހަރުތެރޭ މި މަސައްކަތް ނިންމާލާފައިވާއިރު، 370 ސޮފްހާގެ މައްޗަށް ލިޔެފައިވާ އެފޮތް ތަރުޖަމާކުރަން ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ނަސީމާ ވަނީ ހޭދަކުރައްވާފައެވެ.

ނަސީމާ ލިޔުންތައް އާންމުންނަށް ފެންނަން ފެށީ 1970ގެ އަހަރުތަކުގެ ތެރޭގައި ނުކުތް މޫންލައިޓް ނޫހުންނެވެ. އެ ނޫހުގައި ވަނީ އިނގިރޭސި ވާހަކަ، ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން ލިޔުއްވާފައެވެ. ނަސީމާ އާންމު ގޮތެއްގައި ތާރީހީ ލިޔުއްވުންތައް ލިޔުއްވަން ފެށްޓެވީ، 1995 ވަނަ އަހަރުއެވެ.

ނަސީމާ މުހައްމަދަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ފަސްޓްލޭޑީއެވެ. ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލޭގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގަތީ 31 މޭ 1969 ގައެވެ.