މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޚްމަދު މަހްލޫފް އުޅުއްވަނީ ޒިންމާއިން ރެކި ފިތުނަ އުފައްދަން ކަމަށާއި، ރައްޔިތުންގެ މަޖިލިސްގައި އެކައުންސިލާއި ގުޅުވައިގެން މިނިސްޓަރު ހެއްދެވީ އިތުރުފުޅުކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާޙިދު ވަނީ ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ހިނގާތާ ގިނަ ދުވަސްވެ، އެ މަސައްކަތް ނުނިމި ލަސްވާތީ އެކަން ނިމޭނީ ކިހާ ހިސާބަކުތޯ އޮޅުން ފިލުވަން މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. އަދި އެ މަސައްކަތް ލަސްވަނީ ކައުންސިލުން އެއްބާރުލުން ނުލިބޭތީކަން އެނގިވަޑައިގަންނަވާ ކަމަށް ސުވާލު ކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ އެ މިނިސްޓްރީން ރަށްރަށުގައި މަޝްރޫޢު ހިންގެވުމުގައި ވަރަށް ބޮޑެތި ދަތިތައް ހުރިކަމަށާއި، އެއީ "ސިޔާސީ ދަތިކަމެއް" ކަމަށެވެ. އަދި އެކަން ދިމާވަނީ ވަރަށް މަދު ރަށަކުން ކަމަށް ވިދާޅުވިއެވެ. އެއީ ސިޔާސީ ޚިޔާލް ތަފާތުވުންތަކުން ނުކުންނަ މައްސަލައެއް ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެން މީގައި އެކިގޮތްގޮތުން ކުރިއަށްދެވޭނެ މަގެއް ހޯދަން ވެސް މަސައްކަތްކޮށްފިން، ނަމަވެސް އެ ފުރުޞަޠު ނުލިބިގެން އެންމެ ފަހުން މިހާރު 1.7 މިލިއަން ރުފިޔާ ދީފައި އެހެން ރަށަކުން ވެލި ފުނަދޫއަށް ގެންގޮސްގެން އެކަން
ކުރަންޖެހިފައި މި އޮތީ އިނގޭތޯ." މަޚްލޫފް ވިދާޅުވެފައި ވެއެވެ.
"ދެން އޭގެއިތުރަށް ވޮލީ ކޯޓު އަޅަން ވެސް ކޮންޓްރެކްޓަރާ ހަވާލުކޮށްފައި، އަޅުގަނޑުމެން ވަރަށް ސާފުކޮށް ކައުންސިލުގައި ބުނެފިން ޔޫތު ސެންޓަރު ތެރޭގައި އޮތް ކޯޓުގައި އެ މަސައްކަތް ކުރަން ފުރުޞަތުދޭން. އެ ފުރުޞަތެއް ނުދިން. ލާމަރުކަޒީ ގާނޫނުގެ ދަށުން އަޅުގަނޑުމެންނަށް އެބަ އޮތް، އަޅުގަނޑުމެންގެ ދަށުގައި ރަޖިސްޓަރީ އަޅުގަނޑުމެންގެ އަތުގައި އޮތް ތަނެކޭ އިނގޭތޯ ޔޫތު ސެންޓަރަކީ. އަޅުގަނޑުމެން ބުނެފިން، އަޅުގަނޑުމެންނާ ތަން ހަވާލުކޮށްދޭށޭ. އޭރުންނޭ އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރިއަށް ގެންދެވެން އޮތީ. އެ ކަމެއް ވެސް ނުކުރި." މަޚްލޫފް ވިދާޅުވެފައި ވެއެވެ.
އެހެންކަން ދިމާވުމުން ޙަޤީޤަތުގައި ވަރަށް ބޮޑެތި ދަތިތަކެއް ފުނަދޫގައި އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންމެ ޕާޓީއެއްގައި ތިބި ކަމުގައި ވިޔަސް، ރަށުގެ ތަރައްޤީއަށްމކުރާ ކަންކަމުގައި ފުރުޞަތުދޭން ޖެހޭކަމަށް ވިދާޅުވިއެވެ.
"އެހެންނޫނީ އަޅުގަނޑަށް ހީވަނީ އޭގެ ސަބަބުން ހުރިހާ ރައްޔިތުންނަށް ޙަޤީޤަތުގައި ގެއްލުންވަނީ، ފައިސާއަށް ބެލި ކަމުގައި ވިޔަސް. މިދެންނެވިހެން އިތުރަށް 1.7 މިލިއަން ރުފިޔާ އަޅުގަނޑުމެން ޚަރަދުކުރަން އެބަޖެހޭ އެހެން ރަށަކުން ވެލި ގެންދިޔުމަށް ޓަކައި އިނގޭތޯ. އެހެންވީމާ، ވަރަށް ބޮޑެތި ދަތިތަކެއް އަޅުގަނޑުމެންނަށް މަސައްކަތްކުރުމުގައި ގައި ދިމާވާ ރަށެއް ފުނަދޫއަކީ" މިނިސްޓަރު މަޚްލޫފްގެ ޖަވާބުގައި ވިދާޅުވެފައި ވެއެވެ.
މިކަމާއި ގުޅިގެން ފުނަދޫ ކައުންސިލުން ވަނީ އެ ކައުންސިލްގެ ހަތަރު މެންބަރަކު ސޮއިކޮށް މިއަދު ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެކައުންސިލުން ވިދާޅުވީ، މިނިސްޓަރު މަޚްލޫފް ހެއްދެވީ އިތުރުފުޅެއް ކަމަށާއި، އެކަން ކުއްވެރި ކުރާ ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން މިނިސްޓަރ މަހްލޫފް ކުރެއްވި ވަރަށް ފިނޑި އަމަލެއްގެ ގޮތުގައި އެކައުންސިލުން ވަނީ ސިފަ ކުރައްވަފައެވެ.
ފުނަދޫ ކައުންސިލުން ވިދާޅުވެފައި ވަނީ، ރަށުގެ ތަރައްޤީއަށް ޔޫތު މިނިސްޓްރީއާއި އެނޫންވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުރަން ބޭނުންފުޅުވި ކަމަކަށް އެކައުންސިލުން ހުރަސް އަޅާފައިވާ ނުވާނެ ކަމަށެވެ. އަދި އެއިދާރާތަކުން ކުރައްވާ މަސައްކަތްތަކުގައި އެކައުންސިލުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއާއި ބާރު އަދި އިޚްތިޔާރަށް ފުށުއެރުމެއްނުވާ ގޮތުގެމަތީން އެއްބާރުލުން ދީފައިވާނެކަމަށެވެ.
"ޔޫތު މިނިސްޓްރީން އެދުނު އެއްވެސްކަމެއްގައި މި ކައުންސިލުން ފަސްޖެހިފައި ނުވާނެކަމީ އެމިނިސްޓްރީންގެ އިސްވެރިން ހެކިވާނެކަމެވެ. މިނިސްޓަރު މަޙްލޫފުގެ ވާހަކަފުޅުން ފާހަގަވެގެން އެމަނިކުފާނުގެ ޒިންމާގެ ދަށުން ކުރަންޖެހޭ މަސައްކަތް ނުކުރެވި މަސައްކަތް ލަސްވެގެން ދިއުމުގެ ޒިންމާއިން ރެކިވަޑައިގެން ސިޔާސީ މަންފާއަށްޓަކައި ފިތުނަ އުފެއްދުމަށް އިއްޒަތްތެރި މެންބަރުގެ ކުރިފުޅުމަތީ ފާޅުކަން ބޮޑުގޮތެއްގައި ހެއްދެވި އިތުރުފުޅެއްގެ ގޮތުގައެވެ." ފުނަދޫ ކައުންސިލް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު މަޚްލޫފް ފުނަދޫއަށް ޒިޔާރަތް ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި އެރަށުގައި ހިންގާ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކަށް ކައުންސިލްގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވުމުން ފުނަދޫ ކައުންސިލުން އެފަހަރު ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އަދި އެ ކައުންސިލުން ތަރައްގީއަށް ހުރަސް ނާޅާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. އެފަހަރު އެރަށު ޔޫތު ސެންޓަރު ވެސް ކައުންސިލުން ދަށުން ވަކިކުރިކަމަށް ޔޫތު މިނިސްޓްރީން ވަނީ އަންގާފައެވެ. ނަމަވެސް އެެކަމާ ކައުންސިލުން ވަނީ ދެކޮޅުހަދާފައެވެ.
ފުނަދޫ ކައުންސިލްގެ 5 މެންބަރުން ތެރެއިން ރައީސް ހިމެނޭހެން އިތުރު ތިން މެންބަރެއް ތަމްސީލް ކުރަނީ އިދިކޮޅު ޕީޕީއެމްއެވެ. ދެން ހުންނަވަނީ ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ކައުންސިލަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!