އާމްދަނީން ޓެކްސް ނެގުމުގެ ބިލު ނުވަތަ އިންކަމް ޓެކްސް ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ 40،000 އިން މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނަގާށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަންނަ އަހަރު ފަށާއިރު އިންކަމް ޓެކްސް ނަގަން ފެށުމަށެވެ. އިންކަމް ޓެކްސް ނަގަން ފެށުމުން ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ހަމައެކަނި އިންކަމް ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެއެވެ.
އިންކަމް ޓެކްސް ނަގަން ފަށާއިރު ގާތްގަނޑަކަށް 6000 މީހުންގެ އަތުން އިންކަމް ޓެކްސް ނަގަން ފެށޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.
އިންކަމް ޓެކްސް ބިލުގައިވާ ގޮތުން 40،000 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ 8 ޕަސެންޓުގެ ޓެކްސް ނަގާއިރު 60،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ 10 ޕަސެންޓެވެ. އަދި 100،000 އަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ 15 ޕަސެންޓް ކަމަށް ބިލުގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!