ށ. ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބެނުން މަނާ ކޮށްފިއެވެ.
ކޮމަންޑޫ ކައުންސިލުން މިއަދު އާންމު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް މިއަދުން ފެށިގެން އަރާފޭބުމާއި، ކާށި އަދި ދަރުފަދަ ތަކެތި
އެރަށުން ގެނައުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ކައުންސިލްގެ ހުއްދަ ނުނެގި ނަމަވެސް މަތިކޮމަންޑޫގައި އަލަށް ހިއްކި ސަރަހައްދަށް އަރާފޭބުމުގައި ހުރަހެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.
މަތިކޮމަންޑޫއިން ދަރު ގެންނަން ބޭނުންވާ ފަރާތްތަކުން ކޮމަންޑޫ ކައުންސިލުން ހުއްދަ ހޯދައި، އެ ކައުންސިލުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން ގެންދިޔުމަށް ވެސް ކޮމަންޑޫ ކައުންސިލްގެ ޢިއުލާންގައި އަންގާފަވެއެވެ.
ކޮމަންޑޫ ކައުންސިލުން މަތިކޮމަންޑޫއަށް އަރާފޭބުން މަނާކުރިއިރު، ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
ކޮމަންޑޫއާއި އެ ރަށް ކައިރީ އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ހިންގަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ކުންފުނިން ވަނީ ޖެނުއަރީ 14 ވަނަ ދުވަހު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލާނެއެވެ. މީގެ އިތުރުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެއެވެ. އަދި މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި
ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވައުދުފުޅާ އެއްގޮތަށް މިމަޝްރޫޢު ހިންގުމުން ކޮމަންޑޫގެ 700 އަށް ވުރެ ގިނަ އާއިލާ، 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ތަހައްމަލްކުރި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެފަވެއެވެ. އަދި އެ މަޝްރޫއަކީ މީ ކުރިން ތަޖުރިބާކުރި އިޖުތިމާޢީ ގިނަ މައްސަލަތަކަށް ހައްލުލިބި އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ މަޝްރޫޢުއެއް ކަމަށް ވެސް ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!