ށ. ކޮމަންޑޫއާއި އެ ރަށް ކައިރީ އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފަށައިފި އެވެ.
ކޮމަންޑޫގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.
މިރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައީދު ގެ އިތުރުން ށ. އަތޮޅުގެ ރައީސް މުޙައްމަދު ޝިޔާމް ބައިވެރިވަޑައިގެންނެވި އެވެ. މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވި އެވެ.
ކޮމަންޑޫ ގުޅާލުމުުގެ މަސައްކަތް ކުއިއަށް ގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެން ނެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 250 މިލިއަން ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ށ. ކޮމަންޑޫ އެއްގަމު ތޮށި އަދި ބަނދަރުގެ ކަނޑުތޮށި މަރާމާތު ކުރުމާއި، ކޮމަންޑޫ އަދި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު އިފްތިތާޙް ކޮށްފި.
މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒް އިސްމާއީލް. pic.twitter.com/kQujeQL86B
— Min.of National Planning, Housing & Infrastructure (@MoNPHImv) January 14, 2022
މި މަޝްރޫއުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1250 މީޓަރުގެ ބޮޑުހިލައިގެ ތޮށި، 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލާނެއެވެ.
މީ މުޅި ކޮމަންޑޫ ދާއިރާ އަށް އުފާވެރި ދުަވަހެއް!
ރައްޔިތުން އިންތިޒާރުކޮށްގެން ތިބި ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަނޑޫ ގުޅާލުމުގެ ޢަމަލީ މަސައްކަތް ފަށައިފި! ދައިރާގެ ރައްޔިތުންނަަށް ހޫނު މަރުހަބާ އަށް ދަންނަވަން، ސަރުކާރުގެ ވައުދުތައް #ރަނުންރަނަށް. pic.twitter.com/Lgd7AM2iGF
— Ibrahim Ali (@iburahimali) January 14, 2022
މި މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުވެސް ތައްޔާރުކުރާނީ ވެސް އެމްޓީސީސީންނެވެ.
މިމަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗުކުރުމަށް މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!