ކޮވިޑް-19 އާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އެގައުމުގެ ސަރުކާރުގެ ރަސްމީ މީޑިޔާ ކަމުގައިވާ ސައުދީ ގެޒެޓްގައި ބުނެފައިވަނީ، ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މި ހޮނިހިރު ދުވަހުން ފެށިގެން އުވާލާން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާތްވެގެންވާ ދެ ހަރަމާއި، ސައުދީގެ ހުރިހާ މިސްކިތެއްގައި އިޖުތިމާއީ ގައިދުރުކަން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސްކިތްތަކާއި ފިހާރަތަކާއި ބާޒާރުފަދަ ތަންތަނަށް ވަންނަ އިރު މާސްކު އެޅުން މަޖުބޫރެވެ.
މީގެ އިތުރުން އެޤައުމަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. އަދި އެގައުމަށް އެތެރެވުމަށް މީގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓުވެސް ދެން ބޭނުމެއް ނުވާނެ އެވެ.
މީގެ ކުރިން އުމްރާގެ ހުއްދައިގެ ދަށުން އެގައުމުގައި މަޑުކުރެވެނީ 10 ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް އުމްރާވެރިންނަށްވެސް ވަނީ ލުއިދީފަ އެވެ. އަދި 5 އަހަރުން ދަށުގެ ކުދިންނަށް ވެސް ދެހަރަމްފުޅަށަ ވަނުމަށް ހުއްދަ ދީފަައިވެއެވެ.
17 ގައުމަކުން ފްލައިޓް ސަސްޕެންޝަން އުވާލާފައި ވެއެވެ. އެގައުމުތަކުގެ ތެރޭގައި ހިމެނެނީ އަފްޣާނިސްތާން، ދެކުނު އެފްރިކާ، ނެމީބިއާ، ބޮޓްސްވާނާ، ޒިމްބާބްވޭ، ލެސޯތޯ، އެސްވަތީނީ، އެސްވަތީނީ، މޮޒަމްބީކް، މަލާވީ، މޮރިޝަސް، ޒެމްބިއާ، މަޑަގަސްކަރަ، އެންގޯލާ، ސީޝެލްސް، ކޮމޮރޯސް، ނައިޖީރިއާ އަދި އިތިއޯޕިއާ އެވެ.
ކުރިއެކޭ އެއްގޮތައް ފެސިލިޓީތަކާއި، އާންމުކޮން ހުޅުވާލެވިގެން ކުރިއަށްގެންދާ ހަރަކާތްތަކާއި، އިވެންޓްތަކާއި، މަތިންދާބޯޓުތަކާއި، އާންމު ދަތުރުފަތުރުގައި "ތަވަކްކަލްނާ" އެޕްލިކޭޝަން ބޭނުންކުރަން ޖެހެ އެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ކޮވިޑްގެ ޙާލަތަށް އަންނަމުންދާ ކުރިއެރުންތަކަށް ބަލާ، ސައުދީގެ ކަމާބެހޭ ސިއްހީ އިދާރާތަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!