ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ 2 މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކާއި، 78 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

Ad
rt

އަންހެން މީހާ ނިޔާވީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:22 ގައެވެ. ފިރިހެން މީހާ ނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:55 ގައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހުން ނިޔާވުމުން އެ ބަލީގައި ނިޔާވި މީހުންގެ އަދަދު 296 އަށް ވަނީ އަރާފައެވެ.

މީގެ ކުރިން ވެސް އެ ފެސިލިޓީގައި ފަރުވާދިން މީހެއް ވަނީ ނިޔާވެފައެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހު ނިޔާވި އެ މީހާއަކީ 80 އަހަރުގެ މީހެކެވެ.

ފުނަދޫގައި ހުންނަ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަކީ އުތުރުން ކޯވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އިތުރުފަރުވާ ދިނުމަށް ހާއްސަކޮށް 16 ޖުލައި 2020 ގައި ހިދުމަތް ދޭންފެށި ސެންޓަރެކެވެ. އަދި އެ ސެންޓަރަކީ ފުރަތަމަ އަތޮޅެއްގައި ކޯވިޑް ބަލި މީހެއް އެޑްމިޓްކުރި ސެންޓަރުވެސް މެއެވެ.

މިގޮތުން 2021 ވަނަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރެވުނީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. އޭގެފަހުން މިހާތަނަށް އުތުރުގެ އަތޮޅުތަކުން އެކި ރަށްރަށުގެ ކޯވިޑް ބަލި މީހުން އެ ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަވެއެވެ.