ހދ. ހަނިމާދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓްގެ ދަށުން ތާރު އެޅުމަށް ހަމަޖެހިފައިވާ ގިނަ މަގުތަކުގައި މިހާރު ވަނީ ތާރުއަޅައި ނިމިފައެވެ. މަގުތައް އިތުރަށް ފުރިހަމަކޮށް ޕްރޮޖެކްޓް ނިންމުމަށް ކުރަންހުރި މަސައްކަތް އެމްޓީސީސީން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ހަނިމާދޫ ކައުންސިލުން މަގުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ލައިޓް ޖަހައި އަލިކުރުމުގެ މަސައްކަތަށް ބޮޑު ބަޖެޓެއް އެކުލަވާލައި، ފާސްކޮށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ހިސާބުތަކުގައި ލައިޓްގެ ބުޑުތައް މިހާރު ވަނީ ވަޅުލައި ނިންމާފައެވެ. ލައިޓްތައް ހަރުކޮށް ނިންމާލެވުމުން މަގުތަކުގެ ފުރިހަމަކަން ފެންނާނެކަން ޔަޤީނެވެ.

Ad
rt

ތާރުއަޅައިގެން ތަރައްޤީ ކުރެވިފައިވާ މަގުތަކުގައި ގަސް ހައްދައި ފެހި ކުރެވިއްޖެނަމަ އެ މަގުތައް އިތުރަށް ފުރިހަމަ ވެގެންދާނެއެވެ. ވުމާއެކު މި މަޒުމޫނުގައި އަޅުގަނޑު ލިޔަން ގަސްތުކުރަނީ، މިހާރު ތާރު އަޅައިގެން ތަރައްޤީ ކުރެވިފައިވާ މަގުތަކުގައި ގަސްއިންދައި ފެހި ކުރުމުގެ ގޮތުން ހިންގުމަށް އެކުލަވާލެވިދާނެ ޕްރޮގްރާމެއްގެ މައްޗަށެވެ.

ކައުންސިލުން އިސްނަގައިގެން ކުރަން ރާވާ ކަމަކަށް ވަނީނަމަ އެ ކަމަކަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން ކައުންސިލްގެ ޖަލްސާއަކަށް "ތާރު މަގުތައް ފެހި ކުރުމުގެ ޕްރޮގްރާމް" ހިންގަން އެޖެންޑާކޮށް ފާސްކުރުމަކީ އެކަމަށް ހިނގާނޭ ޚަރަދުތައް ވެސް ކައުންސިލަށް ހަމަޖެއްސުމަށް އޮތް ފަސޭހަ މަގެވެ.

ކައުންސިލުން މި މަސައްކަތަށް ރަސްމީ ސިފައެއް ދިނުމަށްފަހު، މަސައްކަތުގެ ކަންކަން ރާވާ ހިންގުމަށް ކޮމެޓީއެއް އެކުލަވާލައި ކޮމެޓީއަށް ބާރުދީގެން އެ މަސައްކަތް ކުރިއަށް ގެންދެވިދާނެއެވެ. ކޮމެޓީގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ދެ ބޭފުޅުކާއި ހަނިމާދޫ ކައުންސިލްގެ މެމްބަރަކާއި އަދި ރަށުގައި ތިމާވެއްޓަށް ލޯބިކުރާކަމަށް ފާހަގަވާ ދެ ފަރާތަކަށް ފުރުޞަތު ދެވިދާނެއެވެ. މީގެއިތުރުން ކޮމެޓީގައި މަސައްކަތްކުރަން ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމަށް އިޢުލާން ކުރެވިދާނެއެވެ.

މީގެ އިތުރުން ހަނިމާދޫ ސްކޫލުގެ ތިމާވެށި ކުލަބުގެ އެހީތެރިކަން ހޯދައި އެ ކުދިން މިކަމުގައި ބައިވެރި ކުރުމަކީ މަސައްކަތަށް އިތުރު ހަލުވިކަމެއް ގެނެވިދާނެ ގޮތެކެވެ. އަދި މުސްތަގުބަލަށް ވިންނާނަމަ ފައިދާ ބޮޑު ގޮތެއް ވެސް މެއެވެ.

ކޮމެޓީ އެކުލަވާލުމަށް ފަހު ކޮމެޓީގެ ބެލުމުގެ ދަށުން ރަށުގެ ތާރު މަގުތަކުގައި ގަސް އިންދުމަށް ދޫކުރެވިފައިވާ ހުސް ގޮޅީގެ އަދަދާއި އެ ގޮޅިތައް ހުރި ތަންތަން ނޯޓުކޮށް ބެލިދާނެއެވެ. ހުސް ގޮޅީގެ އަދަދު އެނގުމުން ބޭނުންވާނެ ގަހުގެ އަދަދު ވެސް އޮންނާނީ ސާފުކޮށް ފެންނާށެވެ.

ހަނިމާދޫ ކަސްޓަމްސް ކުރިމަތީ މަގުގައި ތާރު އަޅާފައި،

މަގުތަކުގައި އިންދުމަށް އެންމެ އެކަށޭނަ ގަހެއް ނުވަތަ ގަސްތަކެއް ކޮމެޓީގައި ތިއްބެވި ފަންނީ ބޭފުޅުންނާއި މަޝްވަރާ ކުރުމަށް ފަހު ކަނޑައެޅިދާނެއެވެ. ގަސް އިންދާއިރު ހިޔާ ލިއްބައިދޭ މުލުގެ އުނދަގޫ ކުޑަ އެއް ވައްތަރެއްގެ ނުވަތަ ދެ ވައްތަރެއްގެ ގަސް ހެއްދުމަށް އިސްކަން ދެވިދާނެއެވެ. އޭރުން ތަނުގެ ފުރިހަމަކަން ވެސް އިތުރު ކޮށްދޭނެ ކަމަށް ޤަބޫލު ކުރެވެއެވެ.

ގަސްތައް މުޑުވަށްކޮށް މަގުތަކުގައި އިންދުމާއި ހަމައަށް ގަސްތައް ބެލެހެއްޓުމުގެ ޒިންމާ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރާއި މަސްވަރާކޮށް އެ ފަރާތުގެ އެހީތެރިކަން ހޯދިދާނެއެވެ.

ރާއްޖޭގައި ހިންގުނު މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ހަނިމާދޫގެ ބޮޑެތި މަގުތަކުގެ މެދުގައި ހިޔާ ލިއްބައިދޭ ގޮތަށް ހައްދާފައިހުރި ގަސްތައް ކަނޑަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ގަސްތަކުން ފައިބާ ފަތްތަކުގެ ސަބަބުން އެ ގަސްތައް ހުރި ސަރަހައްދުގެ ގެ ތަކުގެ ޝަކުވާ ބޮޑުވުމެވެ. ވުމާއެކު ތަޖުރިބާއަށް ބަލައި މި ޕްރޮގްރާމްގެ ދަށުން ގަސް އިންދުމަށް ގޮޅި ދޫކޮށްފައިވާ ސަރަހައްދު ތަކުގައި ހިމެނޭ ގޭގޭގެ މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދެވިދާނެއެވެ.

ހޭލުންތެރި ޕްރޮގްރާމެއް އެކުލަވާލައި ކަނޑައެޅޭ ވަކި ތާރީޚުތަކެއްގައި އެ ގޭގެއަށް ޒިޔާރަތްކޮށް އެ ފަރާތްތަކުގެ ހިޔާލު ހުރިނެތްގޮތް ބަލައި، މަޢުލޫމާތު ފޯރުކޮށްދެވިދާނެއެވެ. މި ޒިޔާރަތުގެ ތެރެއިން ގަސްތަކަށް ފެންދީ ހެއްދުމުގެ ޒިންމާ ހަވާލުވުމަށް ބޭނުންވާ ގޭގެއަށް އެ ފުރުޞަތު ދޫކޮށްލުމުން ކޮމެޓީގެ މަސައްކަތައް ލުއިވެގެންދާނެއެވެ.

ލިޔުން ނިންމާލުމުގެ ކުރިން މިކަމާއި ގުޅުންހުރި ދެތިންކަމެއް ފާހަގަ ކޮށްލަން ގަސްތުކުރަމެވެ. އެއްކަމެއްގެ ގޮތުން މަގުގައި ގަސްއިންދާއިރު މަގުގެ ތާރުގަނޑަށް އެންމެ ގެއްލުން ކުޑަވާނެ ގޮތް ބަލަންޖެހެއެވެ. ވުމާއިއެކު އެކަން ހައްލު ކުރުމުގެ ގޮތުން ގަސް އިންދާ ވަޅުގަނޑުގެ މަގާވީ ފަރާތުގައި ކޮންކްރީޓް ބްލޮކެއް ފައްތައި ތާރުގަނޑުގެ ދަށަށް މޫވަނުމުގެ ފުރުޞަތު ކުޑަކުރެވިދާނެއެވެ.

ދެވަނަ ކަމެއްގެ ގޮތުން މަގުގެ އަރިމަތީގައްޔާއި މަގުގެ މެދުގައި، މަގަށް އެޅޭ ފެންހިންދުމަށް ހަދާފައިވާ ބައިތަކުގައި މާ ގަސް އިންދުމުން މަގުގެ ފުރިހަމަކަން އިތުރުވީ ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ފާހަގަ ކުރަން ޖެހެއެވެ. ސަބަބަކީ އެ ކާނުތަކުގައި ގަސް އިންދުމުން އެ ތަންތަނުގައި ގަހުގެ މުލުގެ އަސަރު އިތުރުވެ ފެން ހިނދުމަށް މިހާރަށްވުރެ ބޮޑަށް ހުރަސް އެޅޭނެތީއެވެ.