ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރެއްވުމުން އޭނާއާ ދެކޮޅަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅައިފި އެވެ.
މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެންގެވި ކަމަށް ބުނެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފެށީ މިއަދު އެވެ.
ދައުލަތުން ދައުވާ އިއްވުމުން މަހްލޫފްގެ ވަކީލުންގެ ގިނަ ސުވާލުތަކެއްް ދައުލަތަށް އަމާޒު ކުރުމަށްފަހު ވަކީލުން ވިދާޅުވީ އެ ދައުވާއަށް މަހްލޫފް އިންކާރު ކުރައްވާ ކަމަށާއި އޭނާއަށް އެސްއޯއެފް ކުންފުނިން ޖަމާކޮށްދިން 33،000 ޑޮލަރަކީ އޭނާގެ އާއިލީ ވިޔަފާރިއަކަށް ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.
ދައުލަތުން މަހްލޫފާ ދެކޮޅަށް އަދީބުގެ ނަން ހެއްކަކަށް ހުށަހެޅުމަށްފަހު ދައުލަތުން ބުނީ އެ ފައިސާ ދިނީ ބިލަށް ވޯޓު ދިނުމަށް ކަން އަދީބުގެ ބަހުން އެނގޭނެ ކަމަށެވެ. އަދި މަހްލޫފާއި އަދީބާ ދެމެދު ބަދަލުކުރި މެސެޖްތަކުން ވެސް އެކަން އެބައޮތް ކަމަށާއި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުންޏަސް، އެ ފައިސާ ބޭނުންކުރީ މަހްލޫފްގެ އަމިއްލަ ބޭނުމަށް ރާއްޖެއިން ބޭރުގައި ކަން އެނގޭނެ ލިޔުންތައް އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ.
މަހްލޫފްގެ ވިދާޅުވީ އަދީބުގެ ބަޔާނުުގައި ވެސް، އޭނާއަށް ރިޝްވަތު ދިން ކަމަށް ބުނެފައިނުވާ ކަމަށެވެ. އަދި އޭނާގެ ވަކީލުން ވިދާޅުވީ މެސެޖްތަކުގައި ވެސް ފައިސާގެ އެއްްވެސް ވާހަކައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ބުނާގޮތުން ފައިސާގެ މެސެޖްތަކުގައި ނެތަސް، މެސެޖްތަކުގައި ހުރި ވާހަކަތަކާއި މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާވި ދުވަހާ ގުޅުވާލެވެ އެވެ. އަދި ދެން ހުރި ހެކިތަކުން ވެސް ޑޮލަރު ގަތުމުގެ މުއާމަލާތެއް ނުހިނގާ ކަން އެނގޭނެ ކަމަށް ދައުލަތުން ބުންޏެވެ.
މަހްލޫފަށް ރިޝްވަތު ދިނުމުގެ ތުހުމަތު ކުރެވެނީ އަދީބަށް ކަމަށް ވާއިރު، އަދީބަށް ދައުވާ ނުކުރާތީ އެކަމުގެ ފާޑުކިޔުން މަހްލޫފްގެ ވަކީލުން ދައުލަތަށް އަމާޒުކުރި އެވެ. އަދި ކުރީގެ ރައީސް ޔާމީންގެ މައްސަލާގައި، އަދީބުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި އޮތުމާއި މަހްލޫފާއި އަދީބާ ދެމެދު ރުޅިވެރިކަން އޮތުމުން އަދީބުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ބުނެ، ވަކީލުން ވާހަކަ ދެއްކި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހަކީ ކުރިން އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި ބޭފުޅަކަށް ވާތީ އޭނާއަށް އެ މައްސަލަ ނުބެލޭނެ ކަމަށް ދައުލަތުން މިއަދު ބުނެ، ވާހަކަ ދެއްކި އެވެ. ރައްދުގައި މަހްލޫފް ވިދާޅުވީ ޕީޖީ ހުސައިން ޝަމީމަކީ އަދީބުގެ ވަކީލަކަށް އުޅުނު ބޭފުޅެއް ކަމަށެވެ.
އެ މައްސަލާގައި ދެން އޮންނާނީ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!