މާލޭ ކުޑަކުދިންގެ ބަގީޗާގައި ކުރިން އޮތް ކިނބޫ، ކުރީ ސަރުކާރު ދުވަސްވަރު ގެއްލުވާލާފައިވާ ކަމަށާއި، އަދިއަދަށް ދާންދެންވެސް އެ ކިނބުލަށް ހެދިގޮތެއް ނޭނގޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

މެންބަރު ރާޢީ މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި އޭނާ ސްޕޮންސާކުރަށްވައި، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އޭނާ ވިދާޅުވީ އެ ބިލުހުށައަޅަން ދިމާވި ދަނޑިވަޅު އިއްތިފާގަކުން ދިމާވީ، ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލި މައްސަލަ ފެންމަތިވި ދަނޑިވަޅާކަމަށެވެ.

ދޫނިތައް މަރާލި މައްސަލާގައި ވަރަށް ގިނަ މެންބަރުން، ޚާއްޞަކޮށް އެމްޑީޕީގެ މެންބަރުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައިވާ ކަމަށް ރާޢީ ފާހަގަ ކުރެއްވިއެވެ.

ޚާއްޞަ އަޙައްމިއްޔަތުކަމެއް
ދެއްވައިގެން އެ މައްސަލަ ބައްލަވައި، އެކަން ހިނގިގޮތުގެ ރިޕޯޓު ހޯއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވާފައިވާކަން ފާހަގަކުރަށްވައި، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވެސް އެ މައްސަލަ ރަނގަޅަށް ތަޙުޤީޤު ކުރައްވާނެކަމަށް ވިދާޅުވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް ރާޢީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރީ ސަރުކާރުގެ ދުވަސްވަރު ވެސް އެބާވަތު ކަންކަން ހިނގާފައިހުރިކަން ފާހަގަކުރައްވަން ބޭނުންފުޅުވާކަމަށެވެ.

"މިއަށްވުރެ ކުރިން އިނގޭތޯ، ނިމުނު ވެރިކަމުގައި ހަމަ މިކަހަލަ ވަރަށް ބޮޑު ޖަރީމާއެއް ހިނގައިގެން ގޮއްސަ ވެއްޖެ." ރާޢީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދިއަދަށް ދާންދެންވެސް "އެ ޖަރީމާގެ" ޙަޤީޤަތް އިނގިފައި ނުވާކަމަށެވެ. އަދި އެކަން ހިންގުމުގައި އިސްކޮށް ހުންނެވި އޭރުގެ ޑިފެންސް މިނިސްޓަރު މިއަދު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެބަހުންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

"އެއީ ރާއްޖޭގައި އޮތް ޕާކުގައި އޮތް ބޮޑު ކިނބުލެއް އިނގޭތޯ، ވީނުވީއެއް ނޭނގިފައި ވީ، ގެއްލުވައިލާފައި ވީ، މަރާލީކަމެއް، ކޮންކަމެއްތޯ ކުރީ އިނގޭތޯ. އެއީ މިއަދު ކުޑަކުދިން ވެސް އަދި ރާއްޖޭގެ ހަމަ ވަރަށް ގިނަ ރައްޔިތުންސުވާލުއުފައްދާ ކަމެއް." ރާޢީ ވިދާޅުވިއެވެ.

އެހެންކަމުން ކުރީ ސަރުކާރުން އެ ކިނބުލަށް ހެދިގޮތެއް އެނގެން ޖެހޭކަމަށް ވިދާޅުވެ، އެ ސަަރުކާރުގައި ޖަނަވާރާއި، ދޫނިސޫފާސޫފީގެ ހިމާޔަތުގައި ކުރީ ކޮންކަމެއްތޯ ރާޢީ ވަނީ ސުވާލުކުރަށްވާފައެވެ.

"އަޅުގަނޑުގެ ސުވާލަކީ އެ ބޭފުޅުން ކޮންކަމެއްތޯއޭ ކުރީ؟ އަދިއަދަށް ވެސް ޖަވާބެއް ވެސް ނުދެއްވާ އިނގޭތޯ. ވީ ކީއްކަމެއް ވެސްނޭނގެ. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މިއަދު މި ފެނިގެންދިޔައީ، ހަމަ މި ހުށަހެޅުނު ކަންތަކާ މެދު މިއަދުންމިއަދަށް އަޅުގަނޑުމެންގެ ސަރުކާރުންނާއި އަދި ރައީސުލްޖުމްހޫރިއްޔާއާ ހިސާބުން ވެސް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ނެންގެވި ތަން." ރާޢީ ވިދާޅުވިއެވެ.