މި ސަރުކާރުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުމާއި، ތަރައްގީއަށް ގިނަ މަސައްކަތްތަކެއްކޮށްފިކަމަށާއި، ނަމަވެސް ކުރީ ސަރުކާރުން ކޯޓު ފުރާޅުން ޓިނު ނެގި ވާހަކަ އަދިވެސް ހޮޅުއަށިތަކުގައި ދައްކަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ސައްލެ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ސައްލެ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ފެނިގެން ދިޔައީ ކޯޓުތަކަށް ނުފޫޒު ފޯރުވި ތަންކަމަށެވެ. އަދި އާންމު ހޮޅުއަށި ތަކުގައި މިހާރުވެސް ދައްކާ އެއްވާހަކައަކީ ކޯޓުގެ ފުރާޅުން ޓިނުނެގި ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަނޑިޔާރުގެއިން ސަރުކާރު ހިންހަމަނުޖެހޭ ގޮތަކަށް ޙުކުމެއް ނެރެފިނަމަ ފަނޑިޔާރުން ބިރުންތިބި މަންޒަރު އެހެރީ ރެކޯޑްކޮށް، އާކައިވްކޮށްފައި، މިހާރުވެސް ބަލާލަން ބޭނުންވީމަ ބަލައިލެވޭ ގޮތަށް ފެންނަން، މިއަދު އެހެނެއްނޫން އެކަން އޮތީ،" ސައްލެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުގައި ފަނޑިޔާރުންނަށް މިނިވަންކަމާއެކު ޙުކުމް ކުރެވޭނެ މަގު ވަނީ ތަނަވަސްކޮށްދީފައި ކަމަށެވެ. އަދި ހިންހަމަޖެހުނަސް ނުޖެހުނަސް ފަނޑިޔާރުންގެ އަތްޕުޅުގައި އެ މިނިވަންކަން އޮތްކަން މިއަދު އެ ދަނީ ސާބިތު ވަމުން ކަމަށް ވެސް ވިދާޅުވިއެވެ.

"ފަނޑިޔާރުގެ އިސްލާހްކޮށް ކަންކަން ރަނގަޅުކުރުމަށް މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަން ފެންނަނީ ހަރަކާތްތެރިތަނެއްގެ ގޮތުގައި، މިއީ މިހެން ހުރެފަ ހަމަ ދައްނަވާލާ ބަހެއްނޫން، އަޅުގަނޑު ދަންނަވާލަން، ފާހަގަކޮށްލަން ބޭނުންވޭ 7 ކަމެއް މިވަގުތުން ފެންނަން އެބައޮތް" ސައްލެ ވިދާޅުވިއެވެ.

އެެ ހަތްކަންތައް ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، މި ސަރުކާރުއައި ފަހުން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ކޯޓުތަކަށް އައްޔަނުކުރުމުގައި ދެފުއް ފެންނަ އުސޫލެއް ތަޢާރަފްކޮށްފި ކަމަށާއި، ފަނޑިޔާރުން އައްޔަނުކުރާނެ އައު ޤަވާޢިދު ވަނީ ގެޒެޓްކޮށްފައި ކަމަށެވެ. އަދި ކޯޓު ތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ވަނީ ގާއިމުކޮށްފައި ކަމަށާއި، ފަނޑިޔާރުންގެ ފެންވަރު ދެނެގަތުމަށްޓަކައި ފަނޑިޔާރުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގެ އިޖުރާއަތްތަކާއި ގަވާއިދުތައް ހަދާ ދަނީ އަމަލު ކުރަމުން ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މާލީ ބަޔާން އާންމު ކުރަން ގާނޫނުގައި އޮތްނަމަވެސް އެކަން ކުރާނެގޮތް ކަނޑައެޅިގެން ދިޔައީ އަދި ކަމަށާއި، ދަށު ކޯޓުތަކުގެ މައްސަލަތައް ލަސްވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފަނޑިޔާރުން މަދުވުމުގެ މައްސަލަ ހައްލުކުރުމަށް މިވަގުތައް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ޝަރުޢީ ވަފުދުތައް ފޮނުވުމަށް އަމަލުކުރާނެ އުސޫލުތައް ވަނީ އާންމުކޮށްފައިކަން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ފަނޑިޔާރުންނާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލޭނެ ހަރުދަނާ އުސޫލެއް ގާއިމުކޮށް، ވަނީ އަމަލު ކުރަން ފަށާފައި ކަމަށް ވެސް ވިދާޅުވިއެވެ. ސައްލެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފަނޑިޔާރުންގެ މަސައްކަތްތައް ވަޒަންކޮށް ހަރުދަނާ ކުރުމަށް ސާވޭތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ސައްލެ ވިދާޅުވީ، މިއަދުގެ ޖުޑިސަލް ސާވިސް ކޮމިޝަނަކީ ވަރަށް ހޭލާ އޮތް، ވަރަށް ހަރަކާތްތެރިތަނެއް ކަމަށެވެ.