މާލެއާއި އަތޮޅުތެރޭގެ ތަފާތު ކުރުން އިންތިހާއަށް ގޮސްފައިވާކަމުގެ ބަހުސް ކުރަމުންދާއިރު "މާލޭގެ ރައްޔިތުންގެ ހައްގުގައި" ވަނީ ވަކާލާތުކޮށްފައެވެ. "ހުޅުމާލެ" އެއީ ކޮން ބައެއްގެ ތަނެއްތޯ ކަނޑައަޅާ އެއީ "މާލޭ ރައްޔިތުންނަށް ހައްގުވާ" ތަނެއްގެ ގޮތުގައި މަޖިލިސް ތަޅުމުގައި ވާހަކަ ދެއްކުމުން މިއަދު މިވަނީ ބަހުސެއް ފެށިފައެވެ.
"ހުޅުމާލެ" އެއީ "މާލެ" މީހުންގެ ރަށެއް؟
މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ "ހުޅުމާލޭގެ ބިމަކީ މާލޭ ރައްޔިތުންނަށް ހައްގުވާ އެއްޗެއް" ކަމަށެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރުތަކަށް ބަހުސް ކުރައްވަމުން ބޮންޑާ އިތުރަށް ވިދާޅުވެފައިވަނީ އޭނާގެ ދާއިރާގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބި އޮތް ކަމަށާއި މަޖިލިހަށް އޭނާ ހޮވީ ހުޅުމާލެ އިން ގެދޮރު ދޭނެ ކަމުގެ ވައުދާ އެކު ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ގެދޮރު ދޭން ޖެހޭ ކަމަށެވެ.
ޕާޓީގެ ރޫހުން ބޭރުވެ "ރާއްޖެތެރޭ ރޫޙް"
އެމްޑީޕީއަށް ނިސްބަތްވާ މެންބަރު އިބްރާޙިމް ރަޝީދު (ބޮންޑާ) މަޖިލީހުގައި "ހުޅުމާލޭގެ ބިމަކީ މާލޭ ރައްޔިތުންނަށް ހައްގުވާ އެއްޗެއް" ކަމަށް ވިދާޅުވުމާއި އެކު މުޅި މަޖިލިސް ތެރޭގައި ވަކި ޕާޓީއަކަށް ބެލުމެއް ނެތި ތަފާތު ޝުޢޫރުތައް ކެކި އަރައިގެންދިޔައެވެ. ޖެހިގެން އައި ދުވަހުވެސް މަޖިލީހުގައި އެވާހަކައަށް ނިސްބަތްކޮށް މަޖިލިސް މެމްބަރުން ވާހަކަ ދެއްކެވިއެވެ.
"ފަހުރުވެރި ރާއްޖެތެރޭގެ މީހެއް" ކަމަށް ވިދާޅުވެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ޝަކުވާތައް ބަންޑުން ކޮށްލިތަން ފެނިގެންދިޔައެވެ. އަދި ރިޔާސަތުން އެފަދަ ވާހަކައެއް މަޖިލީހުގައި ދެއްކުމަށް ފުރުސަތު ދިނުމުން ޖެހިގެން އައި ދުވަހު އެމްޑީޕީގެ މެންބަރު ޔައުގޫބް ވިދާޅުވީ ރިޔާސަތުން އެ ފުރުސަތު ދިނުމުން ހަގީގަތުގައި ވަރަށް ދެރަވި ކަމަށާއި އެއީ ދީގެން ވެސް ނުވާނެ ކަހަލަ ފުރުސަތެއްކަމަށް ޔައުގޫބް ވިދާޅުވިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުވެސް އެބޭފުޅާގެ ޝުއޫރު ތަޅުމަށް ދޫކޮށްލިއެވެ. "ހުޅުމާލެ ހިއްކާފައި އޮތީ ހުރިހާ ދިވެހި ރައްޔިތުންގެ ފައިސާއިން. އެހެންވީމަ ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުމާލެއިން ބިން ލިބެން ޖެހޭނެ."
ކަމަށް ސިރާޖު ވިދާޅުވިއެވެ.
"ރާއްޖެތެރެ ކިޔާނެ ކަމެއް ނެތް."؟
"ރާއްޖެތެރެ - މާލެ" މިއީ ތަޅުމުގެ މައުޟޫއަކަށްވެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ދެއްކި ވާހަކަތަކަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑާ) ވަނީ ރައްދު ދީފައެވެ. "މާލެ، ރާއްޖެތެރެ ކިޔާނެ ކަމެއް ނެތް." ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އިތުރަށް ބޮންޑާ ވިދާޅުވީ "ހުޅުމާލޭގެ ބިންތައް މާލޭގައި ގިނަ ޒަމާންތަކެއް ވަންދެން އުޅެފައި ތިބި މީހުންނަށް ދޭން ޖެހޭނެ." ކަމަށެވެ.
ސުވާލަކީ ހުޅުމާލޭގެ ބިމަކީ މާލޭ ރައްޔިތުންނަށް އެކަނި ހައްގުވާތަނެއްތޯ؟ ނޫނީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ހުޅުމާލެއިން ގޯތި ލިބުމުގެ ހައްޤު ލިބިގެންވާނެތޯއެވެ. ޔަގީންވާކަމަކީ މަޖިލީހުގައި މެންބަރު ޔައުޤޫބް ވިދާޅުވިފަދައިން 19 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ ރާއްޖެތެރެއަށް ކަމެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރެއިން 72 މެންބަރުންނަކީ ރާއްޖެތެރޭގެ މެންބަރުންކަމެވެ. ބާކީ 15 މެންބަރުންނަކީ މާލޭގެ މެންބަރުންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!