ސްޕެނިޝް ސްޕަ ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ ބިލްބާއޯއަށް

B51115A3-013B-4E3D-8EEF-D7A5C0D11DF9

ސްޕެއިން ސްޕަ ކަޕްގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ބިލްބާއޯއިން ކަށަވަރު ކޮށްފިއެވެ. މި މުބާރާތުގެ މެޗުތައް ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާއިރު، ބުރާސްފަތި ދުވަހުގެ ރޭ ބިލްބާއޯއިން އެތުލެޓިކޯ ބަލިކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ބުދަ ދުވަހުގެ ރޭ ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ރެއާލް މެޑްރިޑާއި ބާސެލޯނާއެވެ. ވާދަވެރި ކުޅުމަކަށް ފަހު އެ މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައި ވަނީ ރެއާލް މެޑްރިޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވެސް އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ އެތުލެޓިކޯ މެޑްރިޑުންނެވެ. މި ލަނޑަކީ 62 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އެތުލެޓިކޯގެ ޕޯޗުގަލް ފޯވާޑް ފެލިކްސް ބޮލުން ފޮނުވާލި ހަމަލާ ދިފާއު ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ބިލްބާއޯގެ ކީޕަރ ސިމޮންގެ ގުދުގައި ޖެހިފައި ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މެޗުގައި ބިލްބާއޯއިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 77 ވަނަ މިނެޓުގައި އެ ޓީމްގެ މުނެއިން ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔަރޭ އަލްވަރޭޒްއެވެ. ބިލްބާއޯ މެޗުން މޮޅުވި ލަނޑު 81 ވަނަ މިނެޓުގައި ނެގި ކޯނަރަކުން ތަނަވަސްވި ފުރުޞަތެއްގައި ކާމުޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުމުރުން 19 އަހަރުގެ ނިކޮލަސް ވިލިއަމްސްއެވެ. ނިކޮލަސް ވިލިއަމްސްއަކީ އެ ޓީމަށް ކުޅެމުން އަންނަ އިނާކީ ވިލިއަމްސްގެ ކޮށްކޮއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެތުލެޓިކޯގެ ހިމެނޭޒް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކާފައެވެ. ވުމާއެކު އެތުލެޓިކޯއިން މެޗު ނިންމާލާފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ނިމިދިޔަ ސީޒަނުން ފަށައިގެން އައު ފޯމެޓަކަށް ސްޕެނިޝް ސްޕަކަޕް ކުޅެމުން އަންނައިރު، މިހާރު މި މުބާރާތުގައި ވާދަކުރަނީ ލަލީގާގެ ޗެމްޕިއަން ޓީމާއި ދެވަނައަށްދާ ޓީމްގެ އިތުރުން ފާއިތު އަހަރު ކޮޕަޑެލްރޭގެ ފައިނަލުގައި ވާދަކުރާ ދެ ޓީމެވެ.

އެންމެ ފަހުން ކުޅުނު ސްޕަކަޕްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ވެސް އެތުލެޓިކް ބިލްބާއޯއިންނެވެ. އެ ޓީމް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 3-2 ގެ ނަތީޖާއިން ބާސެލޯނާ ބަލިކޮށްގެނެވެ.

އަންނަ އާދީއްތާ ދުވަހު މި މުބާރާތުގެ ފައިނަލް މެޗު ސައުދީގެ ރިޔާދުގައު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލު ކުރާނީ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލާބާއޯއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.