ސައީދާ އާންޓީ، އަބަދުވެސް ނަމޫނާ މުދައްރިއްސެއް.

E00693F7-E8EE-49F0-8DB5-428F05F4117E

އެންމެ ކުރިން ފެށިގެންވެސް ވަރަށް "ސޯޝަލް" މީހަކަށް ވާންބޭނުން ވެއެވެ. މީހުން އުފެއްދުމާއި، މީހުން ތަމްރީނު ކުރުމުގެ މަސައްކަތުގައި އުޅެން ބޭނުން ވެއެވެ. އެއީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. މިއަދު ސައީދާ އާންޓީ އެދަނީ ޢަމަލީ ގޮތުން އެކަން ސާބިތުކޮށްދެމުންނެވެ.

ހދ ވައިކަރަދޫ ފުފޫމާގޭ ސައީދާ ހަސަންއަކީ މީހުން ބިނާކުރުމުގެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ ކަނބަލެކެވެ. އެގޮތުން ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޝަންގެ އެކްސްޓާނަލް ޓްރެއިނާއެއްގެ ގޮތުގައި މިހާރުވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އެ މަސައްކަތުގައި އޭނާވަނީ ގިނަ ތަޖުރިބާތަކެއް ވެސް ކޮށްފައެވެ.

 

ސައީދާ އާންޓީ އެންމެ ފުރަތަމަ މަސައްކަތުގެ ދާއިރާއަށް ނިކުތީ 1994 ގައެވެ. ފުރަތަމަ އަދާކުރީ ޕްރީސްކޫލް ޓީޗަރެއްގެ ވަޒީފާއެވެ. އެގޮތުން ހދ. ވައިކަރަދޫ ސުލައިމާނިއްޔާ ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި 10 އަހަރުވަންދެން މަސައްކަތް ކުރިއެވެ. މިހާރު ސައީދާ އާންޓީ ވަޒީފާއަދާކުރަނީ ޣާޒީ ސުކޫލުގައި ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރެއްގެ ގޮތުގައެވެ. އެހެންކަމުން 1994 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް މެދު ކެނޑުމެއްނެތި ތަޢުލީ ދާއިރާއަށް ސައީދާ އާންޓީވަނީ ޚިދުމަތްކޮށްދެއްވާފައެވެ.

މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ހދ ވައިކަރަދޫގައި ދާދި ފަހުން ސައީދާ ނަގައިދިން ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ވައިކަރަދޫ ސުކޫލުގެ ގްރޭޑް 3 އިން 10 އަކާއި ދެމެދުގެ ހުރިހާ ދަރިވަރުންނަށް އަމިއްލަ ނަފްސުދެކެ ލޯބިވުމާއި، އެންޓި ބުލީއިންގ އާއި ބެހޭ ސެޝަންތަކެއް ވަނީ ނަގައިދީފައެވެ. އަދި ބެލެނިވެރިންނަށްވެސް އެންޓި ބުލީއިންގ އާއި، ކުދިންގެ ދެމެދު ތަފާތު ނުކުރުން ކިޔަދިނުމަށް ވަނީ ސެޝަންތަކެއް ނަގައިދީފައެވެ.

ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުންނަށް ސައީދާ ވަނީ ބުލީކުރުމާއި ބެހޭ ސެޝަންތަކެއް އަދި، ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމާއި ބެހޭ ސެޝަންތަކެއްވެސް ނަގައިދީފައެވެ. ހަމައެހެންމެ ވައިކަރަދޫގެ ހުރިހާ އޮފީސްތަކުގެ މުއައްޒަފުންނަށް އަމާޒުކޮށްގެން އިންޓަޕާސަނަލް ސްކިލްސް އަދި ކާމިޔާބު މީހަކަށް ވުމާ ބެހޭ ސެޝަންތަކެއްވެސްް ވަނީ ނަގައިދީފައެވެ.

އަދުގެ ޒުވާނުންނާއި، ޚާއްސަކޮށް އަންހެން ބޭފުޅުންނަށް ސައީދާ އާންޓީ ވަނީ ޚާއްސަ ނަސޭހަތެއް ދެއްވާފައެވެ. އެގޮތުން އޭނާ ބުނީ، ކޮންމެ މީހަކުވެސް ކަމެއް ކުރަން ބޭނުން ނަމަ އެކަމެއް ޚާސިލްވޭތޯ ގަދައާޅާ މަސައްކަތްކުރަން ޖޭހޭނެ ކަމަށެވެ. އަދި ތިމާ މަސައްކަތް ކުރާނަމަ، އެ ކުރަން ބޭނުންވާ ކަމެއް ހާސިލް ކުރެވޭނެ ކަމަށެވެ. އަދި އަންހެން ބޭފުޅުން، ދަރިން ބަލަމުން، ދިރިއުޅުމުގެ މަސައްކަތްތައް ކުރަމުންވެސް، ބޭނުންވާ ކަންކަން ކުރެވޭނެ ކަމަށް ސައީދާ އާންޓީ ބުންޏެވެ. ސައީދާ އާންޓީ ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމަކަށްވެސް ބޭނުންވާނީ ހިތްވަރެވެ. ކެރުމެވެ.

މިއީ ސައީދާ އާންޓީ ތަޢުލީމީ ޚިދުމަތުގެ 25 ވަނަ އަހަރެވެ. މިހާރު އެއީ އެތަށް ދަރިވަރުނަށް އުގަންނައިދިން މުދައްރިއްސެކެވެ. އެތައް ބެލެނިވެރިނަކާއި، ދަރިވަރުނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިން މުދައްރިއްސެކެވެ. އެއީ މި ދިވެހި ގައުމު ފަހުރުވެރިވާފަދަ ނަމޫނާ ކަނބަލެކެވެ.

އަބަދުވެސް "ސައީދާ އާންޓީ" އަށް ކާމިޔާބަށް އެދެމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *