ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި

photo_2021-11-04_21-19-14

ހއ. ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި އެވެ.

މި ޑެސްކް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މިހާރު އެ ހިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސާއަކީ އަވައްޓެރި ފުލުހުންގެ ނުވަތަ ނެއިބަރހުޑް ޕޮލިސް ހިދުމަތްކަމަށެވެ.

އަދި  އެހިދުމަތް ގާއިމްކުރެވިގެން ދަނީ ކޮންމެހެން ކުށް އުފެދިގެން ނުވަތަ އުފަންވެފައި އޮތުމަކުން ނޫންކަމަށާއި ކުުށާ ހަމައަށް ދިއުމުގެ ކުރިން ކުށަކަށް ވެދާނެ ކަންކަން ދެނެގަނެ މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ  ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަމުންދާއިރު، ގާނޫނުން ފުލުހުންގެ މަސައްކަތްތައް އިންތިޒާމްވެގެންވާ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާކަމަށެވެ.

އަދި ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށާއި މުޖުތަމައު އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ގާނޫން ބާރުއަޅުއްވާފައިވާކަން ފާހަގަކުރައްވައި، ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް ފުލުހުންގެ ހިދުމަތް ބަދަކުރަމުން ގެންދިއުމަށްކަމަށެވެ.

މިއަދު ތުރާކުނުގައި ޕޮލިސް ޑެސްކެއް ހުޅުވިގެންދާކަމީ އެއަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ފުލުހުންގެ ސްޓްރެޓީޖަކް ޕްލޭންގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ހިދުމަތްތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުން ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މިއަދުން ފެށިގެން ހޯރަފުށިން ފުލުހުން އައިސް ދެމުން ދިޔަ ހިދުމަތަށް ނިމުން އައިސް ތުރާކުނުގައި ފުލުހުންގެ ހިދުމަތް ދެވިގެންދާނީ ރައްޔިތުންނާ ކައިރިން

ޕޮލިސް ކޮމިޝަނަރ ހަމީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ އެހެން ރަށްތަކަށް އަންނަ ބަދަލުތައް ފަދައިން ތުރާކުނުގެ އާންމު މަސްލަހަތާއި ކުށު ވެއްޓަށް ބަދަލުތަކެއް އައުން އެއީ ފުލުހުން ސަމާލުވެ ދުރާލައި ފިޔަވަޅުތައް އަޅަންޖެހޭކަމެއްކަމުގައި ސީޕީ ހަމީދު ވިދާޅުވިއެވެ. އެގޮތުން، އެރަށަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކަށް އޮތް ކަންބޮޑުވުމާއި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމްވެ ތިބުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

އަދި ޕޮލިސް ޑެސްކެއް ގާއިމްވެގެން ދިއުމާއެކު މިހާރު ކުރިމަތިލާފައިވާ ކޮވިޑް-19 ގެ ޕެންޑަމިކް ފަދަ ކަމެއް މެދުވެރިވާ ހާލަތެއްގައި ރައްޔިތުންނާއި ކައުންސިލާއި ހެލްތު ސެންޓަރާ ގުޅިގެން މަސައްކަތްކުރަންޖެހޭ ކުރުުމުން ފެށިގެން ރަށުގައި ހިންގާ ކުށުގެ އަމަލުތަަކަށް ފާރަވެރިވި އެކުށްތައް ހުއްޓުވުމަށް އަތޮޅުގައި ގާއިމްވެފައިވާ ފުލުހުން ޓީމުތަކާއެކު މަސައްކަތްކުރުމާއި ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތްކޮށެއްވުމަށް ހއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން ކޮމިޝަނަރ ވަނީ އެދިލައްވާފައެވެ.

އަދި ތުރާކުނު ރައްޔިތުން ކިބައިން ކޮމިޝަނަރ ވަނީ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން މަސައްކަތްކޮށްދެއްވުމަށް އެދިލައްވާފައެވެ.

ތުރާކުނު ޕޮލިސް ޑެސްކު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި އަޕަރ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް މުޙައްމަދު ޝިހާމް އާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙްމަދު ސަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސް އާއި ތުރާކުނު ކައުންސިލްގެ ރައީސް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންގެ އިތުރުން ތުރާކުނު ރައްޔިތުންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.

ތުރާކުނު ޕޮލިސް ޑެސްކު ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި