ލާމަރުކަޒު ކުރުމުގެ ވާހަކައިގެ ތެރެއަށް ވަދެލަން މިޖެހުނީ މިހުކުރުގައި މާފުށްޓަށް ކުރިދަތުރުގެ ތެރެއިން އުފެދުނު ޚިޔާލަކުންނެވެ. ދަތުރުގެ ތެރެއިން ދިމާވި ރައްޓެއްސަކާ ދެއްކި ވާހަކައިގެ ތެރޭގައި، ދިވެހި ދައުލަތުގެ ޚަޒާނާއަށް މާފުށިން ލިބޭ ވާރުގެ މިންވަރު އޭނާ ކިޔާދިނެވެ.

އަޅުގަޑުގެ ސުވާލަކަށްވީ ސަރުކާރުން މިރަށުގެ ކައުންސިލަށް، ރަށުގެ ތަރައްގީއަށް އަހަރު ދެނީ ކިހާވަރެއްކަން އެނގޭތޯއެވެ. އޭނާއަކަށް ނޭނގެއެވެ. އަދި ބޮޑަށް ލަފާކުރެވެނީ އެއްޗެއް ނުދޭކަމަށެވެ.

Ad
rt

މިހާރު އަޅުގަޑުމެން ލާމަރުކަޒުކޮށްގެން މިއުޅޭ އުޅުމުގެ ފެށުމުގައި ކުރި ގިނަ މަސައްކަތްތަކުގެ ނިމުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ގައުމީ މަހާސިންތާ އަދި މަހާސިންތާއަށް ތައްޔާރުވުމުގެ މަސައްކަތުގައި އަޅުގަޑުވެސް ބައިރިވީމެވެ. އެއީ މިހާރުގެ ގާނޫނު އަސާސީގެ ކުރިއެވެ.

މާލޭގައި ތިބޭމީހުން ރައްޔިތުންގެ ބޭނުންތައް ދެނެގަނެ (ރައްޔިތުންގެ ޚިޔާލު ހޯދައިގެންކަމަށްބުނެ) ރަށްރަށުގެ ކަންތައްތައް ތަރުތީބުކޮށް ހިންގުމަށް ލާމަރުކަޒު ކުރުމޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.

ވާރުނަގާ، ވާރުން ސަރުކާރު ހިންގުމުގެ ކަންތައްތައް އިންތިޒާމުކުރާ ސަރުކާރު ހިންގުމުގެ ނިޒާމެއްގައި ރައްޔިތުންގެ ތަރައްގީއަށް ހައްގުމިންވަރު އެމީހުންނަށް ލިބެންވާނެއެވެ. އޭގެ މާނައަކީ ލާމަރުކަޒީކުރެވިފައިވާ ދާއިރާއަކުން ލިބޭ ޓެކްސްގެ މިންވަރެއް، އެތަނެއްގެ ތަރައްގީއަށް އެތަނުގެ ރައްޔިތުންނަށް (ކައުންސިލަށް) ދިނުމެވެ. އެގޮތުން އެދާއިރާއަކުން ލިބޭ ޓެކްސްގެ ވަކި ޕަސަންޓެއް އެދާއިރާއަކަށް ލިބެންޖެހޭނެއެވެ.

އަދި އިދާރީދާއިރާތަކުގެ ތަރައްގީއަށް، ދައުލަތުގެ ބަޖެޓުން ވަކިމިންވަރެއް ކަނޑައަޅާ އެތަނެއްގެ ބިމުގެ ސައިޒާއި ބޮލަކަށް ޖެހޭ މިންވަރަށް ނިސްބަތްކޮށް، އެމިންވަރާއިއެކު؛ ތަރައްގީގެ ބަޖެޓުގެ ގޮތުގައި އެދާއިރާއަކަށް ކަނޑައެޅެންވާނެއެވެ.

އެރަށެއްގެ ތަރައްގީއަށް ކުރާނެކަންކަން އިސްފަސްކޮށް ތަރުތީބުކުރާނީ އެރަށެއްގެ ރައްޔިތުންނެވެ. މާނައަކީ ރަށުގެ ކައުންސިލުންނެވެ. މިއީ މިކަން އޮންނަންޖެހޭނެ ގޮތެވެ. އެމަގުން ކަންކަން ހިނގާނެދުވަސް ހޯދަން ރައްޔިތުންވެސް އުޅޭންވެއްޖެއެވެ.

މީގެ މާނައަކީ މާފުށިގެ އިގުތިސާދުގެ މައްޗަށް ބިނާކޮށް ދައުލަތަށް ނަގާ ޓެކްސްއިން އެރަށަށް ލިބޭ ތަރައްގީ ބަޖެޓުން ކުރާނެކަންކަން ކަނޑައަޅާނީ އެރަށުގެ ރައްޔިތުންނެވެ. ސަރުކާރުން ހިސާބުޖަހާ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ފާސްކުރާ ބަޖެޓުގައި ޖަހާނީ އެރަކަށް ލިބޭނެ ވަރެކެވެ.

އެހެންނޫނީ ރަށްރަށުގެ އިގުތިސާދު ތަރައްގީކޮށްގެން ރަށުގެ ރައްޔިތުންނަށް ލިބޭ މާނަވީ މަންފާއެއް ނެތެވެ. އެކަން ބަދަލުވާން ވެއްޖެއެވެ. ރަށުގެ ތަރައްގީއަށް ހޮޓެލްސްކޫލެއް އަޅާ އެތަން ހިންގާދޭނެ ބަޔަކަށް ދީގެން ހިންގުމަށް ނިންމުމަކީ ރައްޔިތުންގެ ރަށުކައުންސިލުން ނިންމާންޖެހޭ ކަމެކެވެ. ނުވަތަ ރަށުގައި ތޮށިގަނޑެއް ލާނީތޯ، ނޫނީ މިސްކިތުވަށާފާރު އުސްކުރާނީ ތޯ، މަގުގައި ގަސްމުށި ބަހައްޓާނީތޯ ނިންމާނީ އެމީހުންނެވެ.

މިމަގުން ކަންކަން ހިނގާނެގޮތެއް ވާންނެތިއްޔާ ލާމަރުކަޒު ތަރައްގީގެ ވާހަކަ ދައްކާނެކަމެއް ނެތެވެ.

(ނިމުނީ)