ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

"ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު"ގެ ނަމުގައި އެ އިންސްޓިޓިއުޓުންފަށާ މަޝްރޫޢުއެއްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމާ ގުޅޭގޮތުން ޢިލްމް އިންސްޓިޓިއުޓުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ކީރިތި ޤުރުއާން ދެކެ ލޯބިވާ، ކީރިތި ޤުރުއާން ހިތުން ދަސް ޒުވާން ޖީލެއް ބިނާކުރުމެވެ.

Ad
rt

މަޝްހޫރު ދީނި އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ، އަލްހާފިޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މި ޕްރޮގްރާމްގެ ޕްރޮޖެކްޓް ހެޑަކަށް ވުމުގެ އިތުރުން މި މަޝްރޫއު ހާއްސަ ވެގެންދާ ގިނަ ކަންތައްތަކެއް އެ އިންސްޓިޓިއުޓްއިން ވަނީ ހިއްސާ ކޮށްފައެވެ.

އޭގެ ތެރޭގައި ރީތި ރާގަށް ޤުރުޢާން ކިޔަވަން ދަސްކޮށްދިނުމާއި ތަޖްވީދަށް ކިޔަވަން ދަސްކުރުމާއި އަދި ހިތުދަސް ކުރުމަށް އަންހެން ކުދިންނަށް ޙާފިޒާއިން އަދި ފިރިހެން ކުދިންނަށް ޙާފިޒުން ހަމަޖައްސަފައި ވުމުގެ އިތުރުން ހަފްތާ ބަންދަށް ހާއްސަކޮށްގެންގެން މި ޕްރޮގްރާމް ކުރިއަށް ދާއިރު ކޮންމެ ކްލާހެއްގައި 15 ދަރިވަރުންނަށް ބައިވެރިވެވޭނެ ކަމަށް އެ އިންސްޓިޓިއުޓްއިން ވަނީ ބުނެފައެވެ.

އެ އިންސްޓިޓިއުޓްއިން އިތުރަށް ބުނެފައިވަނީ ހިތުދަސް ކުރުމުގެ އިތުރުން ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޙާފިޒުންނާއި ޤާރީންގެ ހުނަރުވެރިކަންވެސް މި މަޝްރޫޢުގެ ތެރެއިިން ދަރިވަރުންނާއި ހިއްސާ ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިޞްރު، ޖޯޑަން، ކުވައިތު، ސަޢުދީ ޢަރަބިއްޔާ، މެލޭޝިޔާ، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިޔާ، މޮރޮކޯ ފަދަ ޤައުމުތަކުގެ ތަޖުރިބާކާރު އުސްތާޛުން މި މަޝްރޫއުގެ އެކި މަރުހަލާތަކުން ދަރިވަރުންނާއި ބައްދަލުކުރާނެ ކަމަށް މައުލޫމާތު ދެއްވާފައިވެއެވެ.

ދެޖިންސްގެ ބައިވެރިންނަށް ވަކިން ކްލާސްތައް ނެގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ކްލާސްތައް ގެންދާނީ ހަމައެކަނި ހަފްތާ ބަންދުގައި ކަމަށް އެ އިންސްޓިޓިއުޓްއިން ބުނެއެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭ ނޮވެމްބަރ މަހުގެ ތެރޭގައެވެ.

އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒް އަކީ ޑރ. ޝަހީމްގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންސްޓިޓިއުޓެކެވެ.