ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުމާ ގުޅިގެން ފިޗުން ރާއްޖޭއަށް ދިން ރޭޓިން މަތިކޮށްފިއެވެ.
އެ ކުންފުނިން ވަނީ ރާއްޖޭގެ ރޭޓިން ބީ މައިނަސްއަށް ބަދަލުކޮށްފައެވެ. މިދިޔަ އަހަރު ފިޗުން ދިނީ "ސީސީސީ" ރޭޓިންއެކެވެ. މިއީ ދަރަނި ނުދެއްކޭ ވަރަށް ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ބުނެ ދިން ރޭޓިންއެކެވެ.
ފިޗުން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ހީކުރިވަރަށް ވުރެ އަވަހަށް ރަނގަޅުވަމުން ދިއުމާ ގުޅިގެން އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް ބޭރު ފައިސާ ހޯދަން ދަތިވިނަމަވެސް މިއަހަރު ވިއްކި ސުކޫކާ ގުޅިގެން ބޭރުގެ ދަރަނިތައް ދެއްކޭނެ ކަމަށް ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނިގޮތުގައި މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ 70 އިންސައްތަ ވަނީ ރިކަވާވެފައެވެ. އަންނަ އަހަރު ނިމޭއިރު 80 އިންސައްތަ އަދި 2023 ގެ ނިޔަލަށް 100 އިންސައްތަ ރިކަވާ ވާނެ ކަމަށް ފިޗުން ބުންޏެވެ.
މީގެ އިތުރުން މި އަހަރު ރާއްޖޭގެ އިގްތިސާދު އުފެއްދުންތެރިކަމުގެ ނިސްބަތުން 29.4 ޕަސެންޓަށް އިތުރުވާނެ ކަމަށް ވެސް ފިޗުން ވަނީ ލަފާ ކޮށްފަ އެވެ. އަދި އަންނަ އަހަރު 10 ޕަސެންޓަށް އިތުރުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!