ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ދިވެހިން އަޅުވެތި ކުރަން އެޅި ފުރަތަމަ ފިޔަވަޅު: ޝުޖާއު

Shujau

އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިނުމަކީ ދިވެހިން އަޅުވެތި ކުރަން އެޅި ފުރަތަމަ ފިޔަވަޅުކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ހުޅުމާލޭ ކައުންސިލަރު އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި ޝުޖާއު މިހެން ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ޝުޖާއު ވިދާޅުވީ، ‏ޖީއެމްއާރު އަތުން ދިވެހިންގެ މައި ދޮރޯށި އަތުލުމަކީ ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނަސީބު ކަމަށެވެ.

"މިކަން ކޮށްދެއްވީތީ ރައީސް ޔާމިނަށް ހިފެހެއްޓުމެއްނެތް ޝުކުރު ދިވެހިން ތާއަބަދު ކުރާނެ.ޖީ.އެމް.އާރު އަށް އެއަރޕޯޓް ނުއަގުގައި ވިއްކާލީ އެމް.ޑީ.ޕީގެ ތަންދޮރު ނުދަންނަ ވެރިކަމުން. ‏އެއީ ދިވެހިން އަޅުވެތި ކުރުމަށް އެޅި ފުރަތަމަ ފިޔަވަޅު."ޝުޖާއު ވިދާޅުވިއެވެ.

ޖީއެމްއާރަށް ރާއްޖޭގެ މައި އެއާޕޯޓް ދިނުމަކީ ފައިސާކޮޅެއްގެ ދަހިވެތި ކަމުގައި ދިވެހިންނަށް އެމް.ޑީ.ޕީގެ ފުރަތަމަ ވެރިކަމުގައި ދިން އަނިޔާއެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"އެއީ ކާބަފައިން އަހަރެމެންނާ ހަމައަށް ވާސިލްކޮށްދެއްވި ހަރުމުދާތައް ވިއްކުމުގެ ފެށުން.ލަދުވެތި،ގައްދާރު އަމަލެއް. ‏ދެންހުރި މުދާތައް ތިޔަ ވިއްކަވަނީ މަކިކުފާނު. މިހާރު ސްކޫލުތައް ތިޔަ ރަހުނު ކުރަނީ." ޝުޖާޢު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން ދިވެހިންގެ މައި އެއަރޕޯޓް ސަލާމަތް ނުކުރެއްވި ނަމަ ދިވެހިން މިހާރު ތިބޭނީ އަޅުދާސްކަންމަތީގައި ކަމަށެވެ.

ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ، މިހާތަނަށް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އެޅުނު އެންމެ ބޮޑު ހުރަސްކަމށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރޭ ވަނީ ވިދާޅުވެފައެވެ. އަދި އެއަރޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަންކަމަށާއި މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި އިތުރުވެފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވެފަވެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި