ށ. ނޫމަރާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލުކުރައްވައި ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނޫމަރާ ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލަރުން ވަނީ މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ސަރުކާރަށް ޝުކުރުއަދާ ކުރައްވާފައެވެ.
މީގެއިތުރުން ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި ކަންކަމާއި ގުޅޭގޮތުން ނައިބް ރައީސް ފައިސަލް ނަސީމާއި މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ރަށުގެ ބަނދަރުގެ މަރާމާތުގެ މަސައްކަތާއި، ފަރަށް އަރާފައިވާ ބާޖު ފުން ނުކުރެވި އެކަމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ އިތުރަށް ބޮޑުވުމާއި، ކައުންސިލް އިދާރާއަށް އައު އޮފީހެއް ބޭނުންވުމާއި، ރަށުގެ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް ދަނޑެއްގެ މުހިއްމުކަން ބޮޑުވެފައިވުމާއި، ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ އިތުރުން ރަށު ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ކަންކަމުގެ މަޢުލޫމާތުވެސް ކައުންސިލް މެންބަރުން ވަނީ ނައިބު ރައީސް ސަމާލުކަމަށް ގެންނަވާފައެވެ.
ނައިބު ރައީސް ފައިސަލް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް މިހާރު ލިބިދީފައިވާ ކަމަށާއި އެގޮތުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިދެވިފައިވާކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވަނީ، ނޫމަރާގެ އާންމު ޙާލަތު އޮޅުންފިލުވާފައެވެ. އަދި ރަށުގެ ޒުވާނުން މުޖުތަމައުގައި ހުންނަ ނޭދެވޭ އާދަތަކާއި ދުރުކުރުމަށް ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!