ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ 1.98 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 133.5 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 8.6 އިންސައްތައިގެ އިތުރުވުމެކެވެ.

Ad
rt

މީރާއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ދަށްވީ ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑި އިތުރުން ކުރުން ކަމަށެވެ. ނަމަވެސް މި އަހަރުގެ ޓޫރިޒަމް ބިމު ކުލި ސުންގަޑިއަށް ބަލައިގަނެފައިވާތީ މިދިޔަ މަހުގެ އާމްދަނީ އިތުރުވި ކަމަށާއި އިންކަމް ޓެކްސްގެ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ މުއްދަތު ވެސް ހަމަވީ މިދިޔަ މަހު ކަމަށް އެ އިދާރާއިން ބުންޏެވެ.

މިދިޔަ މަހު މީރާއިންް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އިންކަމް ޓެކުހުންނެވެ. އެގޮތުން، އިންކަމް ޓެކްސްގެ ގޮތުގައި އެ 745 މިލިއަން ރުފިޔާ ލިބުނު އިރު ޖީއެސްޓީގެ ގޮތުގައި 553.11 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 410.14 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީރާއިން މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.