ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފި

Raees Solih and Shahid

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޢަބްދުﷲ ޝާހިދާ އަރިހުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފައެވެ.

ރައީސް ޞާލިޙް މިގޮތަށް އެދިވަޑައިގެންފައި ވަނީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޢަބްދުﷲ ޝާހިދާ ރާއްޖެއަށް މިއަދު ކުރެއްވި ޒިޔާރަތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޞާލިޙާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ ޢަބްދުﷲ ޝާހިދަށް މަރުޙަބާ ދަންނަވައި، އެމަނިކުފާނުގެ ރިޔާސަތުގައި އ.ދ. އަށް ފާގަތިކަމާއި ކުރިއެރުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އަދި، އެމަނިކުފާނު ވަނީ ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވުމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުންވެސް ދެބޭފުޅުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމާ ގުޅޭގޮތުންނާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުދި ޤައުމުތަކާ ގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރައްވާފަ ވެއެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ޤާނޫނުތަކާއި ސިޔާސަތުތައް ކަނޑައަޅާފައިވީ ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި މެނުވީ މިކަންތައްތަކުން އަރައިނުގަނެވޭނެކަން ހާމަކުރައްވައި، އެކަމުގައި އެހީތެރިކަން ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، އެމަނިކުފާނު ވަނީ ބޮޑެތި ޤައުމުތަކުގެ ސަރުކާރުތަކުން މޫސުމީ ބަދަލުތަކާ ގުޅޭ ސިޔާސަތުތަކަށް ތާއީދު ހޯދުން މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝާހިދަށް ރަސްމީގޮތުން މަރުޙަބާ ދަންނަވާފައެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޢިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި