ށ. މާއުނގޫދޫ އިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.
މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންނަކީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެރަށު ސިއްޙީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެ މީހުން ކަމަށެވެ.
އެ ދެމީހުން ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަލީމް ވިދާޅުވިއެވެ.
މިމަހު 24 ވަނަ ދުވަހު އެރަށު ސިއްޙީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައިކަމަށްް ސަލީމް ވިދާޅުވިއެވެ. އެގޮތުން، މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެރަށުގެ އެކްޓިވްކޭސްތަކުގެ އަދަދު ވަނީ 3 އަށް އަރާފައެވެ.
އެޗްޕީއޭ އިން މާއުނގޫދޫ މޮނިޓަރިން ހާލަތަށް ގެނެސ، އެ އެރަށު ކައުންސިލަށް ފޮނުވާފައިވާ ލިއުމުގައި ވާގޮތުން މާއުނގޫދޫ މޮނިޓަރިންއަށް ލާފައިވަނީ ކޯވިޑު-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައެވެ. އަދި އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެ ރަށަށް އެރުން ވަނީ މަނާކޮށްފައެވެ.
ކޯވިޑް ފެނިގެން މާއުނގޫދޫ މޮނިޓަރިންނަށް ލާފައިވާއިރު، އެރަށުގެ 16 ގެއެއްގައި 27 މީހަކު ވަނީ މިހާރު ކަރަންޓީނު ކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ބައެއް ލުއިތައް ވެސް ދީފައެވެ. މިގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ވެކްސިންގެ 2 ޑޯޒް، އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިނގަނޑަށް ފުރިހަމަކޮށްފައިވާ 88 ރަށަކަށް މިހާރު ވަނީ ނެގެޓިވް ޕީސީއާރަކާއި ނުލާ ދަތުރު ކުރުމުގެ ހުއްދަ ދީފައެވެ. މި ރަށްތަކުގެ ތެރޭގައި މާއުނގޫދޫ އަދި ހިމެނިފާ ނުވާއިރު ތިލަދުންމަތީގެ 9 ރަށަކަށް މިހާރު ޕީސީއާރަކާއި ނުލާ އެރޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!