އުނގެނުމުގެ ބޭނުމަކީ ހަމައެކަނި ސަނަދެއް ހޯދުން ކަމުގައި ވެގެންނުވާނެ ކަމަށް މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. ހަސަން މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ޔާސިރު ވަނީ، މަތީތައުލީމުގެ ކޯސްތައް ފުރިހަމަކޮށްފައި ނުކުންނައިރު ޙަޤީޤަތުގައި ލިބެންޖެހޭ ތަމްރީނާއި ތަރުބިއްޔަތު ނުލިބޭކަމަށާއި، އެސަބަބާހުރެ ސެޓިފިކެޓަކީ މިހާރު ވިއްކާ އެއްޗަކަށް ރައްޔިތުން ދެކެމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ހައްލު ކުރުމަށް ކިހާވަރަކަށް މަސައްކަތް ކުރެވޭތޯ ޔާސިރު ވަނީ ސުވާލު ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތަށް ކަންތައް ހިނގަމުން ދަނީ މިހާރު އުނގެނުމުގެ ބޭނުމަކީ، ހަމައެކަނި ސަނަދެއް ހޯދުން ކަމަށް ވާތީ ކަމަށެވެ.

"އުނގެނުމުގެ ބޭނުމަކީ ހަމައެކަނި ސަނަދު ހޯދުން ކަމުގައި ވެގެންނުވާނެ. އެހެން ފަހަރުގައި އެ ވަނީ ބައެއް ފަހަރު ވަޒީފާގައި ދެމިތިބުމާއި، ވަޒީފާގެ ކުރިއެރުން ހޯދަން ސަނަދެއް އޮންނަން ލާޒިމުކުވާތީވެ. އެކަހަލަ ހާލަތްތައް އަޅުގަނޑުމެނަށް މާޒީގައި ފެނިފައި އެބަހުރި." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އުނގެނުމުގެ މައިގަނޑު މަޤްޞަދަކަށް ވާންޖެހޭނީ، ތިމާއަށް އިތުރު ޢިލްމު ހޯދައި، އޭގެ ސަބަބުން ތިމާގެ ދިރިއުޅުން ރަނގަޅު ފެންވަރަކަށް ގެންގޮސް، އޭގެ ސަބަބުން ތިމާ އުޅޭ މުޖުތަމަޢުގައި އުޅޭ އެހެން މީހުންނަށް ފައިދާތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ހަމައެކަނި ސަނަދެއްގެ ބޭނުމުގައި އުނގެނޭ ހިސާބަސް ދިޔައިމާ ކަންތައްތައް ގޯސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު މި އޮތް ހާލަތަށް ކަންތައްތައް ގޮސްފައި ވަނީ ތަޢުލީމީ ކަންތައްތައް ރަނގަޅަށް ފުރިހަމައަށް ރެގިއުލޭޓްނުކުރެވި ގިނަ ދުވަސްތަކެއް ވުމުންކަމަށް ހީފުޅުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.