ހއ. އިހަވަންދޫ ސްކޫލުގެ އެދުމުގެ މަތިން އެ ސްކޫލުގައި ހުރި ބެލެނިވެރިންގެ ހިޔާ ނެގުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އިހަވަންދޫ ސްކޫލުގެ ހުޅަނގުފަރާތުގައި ހަދާފައިވާ ބެލެނިވެރިންގެ ހިޔާ ނެގުމަށް ނިންމީ، ތައްޔާރުކުރެވިފައިވާ ގޮތުން އެބިނާގެ ފުރާޅުން ސްކޫލްގެ ހުޅަނގުފަރާތައް ވިއްސާރަ ދުވަސްވަރު ފެންއެޅި ހަޑިވަމުން ދާތީ ކަމަށެވެ.

Ad
rt

މީގެއިތުރުން އެ ހިޔާ ހެދުމަށް ޖަހާފައިވާ ތަނބުތަކުން ސްކޫލްގެ ނަންޖެހުމަށް ޙާއްސަ ކުރެވިފައިވާ ތަނުގެ ދޭހައަށް ހުރަސް އެޅި ސްކޫލުގެ އިސްމަންޒަރު ހުތުރުވެ ހައިބަތަށް އުނިކަން އަންނަކަމަށް ބެލެނިވެރިންނާއި ސްކޫލަށް ޒިޔާރަތް ކުރައްވާ މެހެމާނުން ފާހަގަކުރަމުންގެންދާތީއާއި، އެ ސްކޫލުން އެކަން ހައްލުކޮށްދިނުމަށް އެދުމުން ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާހު 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބެލެނިވެރިންގެ ހިޔާ އަކީ ނިމިދިޔަ ދައުރުގެ ކައުންސިލުން، އިންތިޚާބާ ދިމާކޮށް ފެނަކައިގެ އެހީތެރިކަމާއެކު އަޅާފައިވާ ހިޔާއެއް ކަމަށެވެ.

"ގާތްގަނޑަކަށް 23،000 ރުފިޔާ ހަރަދުކޮށްފައިވޭ އެ ހިޔާ އެޅުމަށް. އެހެންނަމަވެސް، ހިޔާ އަޅާފައި ހުރި ގޮތް ކަމު ނުގޮސްގެން ސްކޫލުން އެ ނަގައިދިނުމަށް އެދުނީމަ އަޅުގަނޑުމެން މިނިންމީ މިތަން ނަގަން. " ޞަބާހު ވިދާޅުވިއެވެ.

މި ހިޔާ ނަގައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފާރާތްތަކުން 05 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:15 އަށް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ގޮސް މައުލޫމާތު ސާފުކުރުމަށް އެ ކައުންސިލުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅާނީ، މައުލޫމާތު ސާފުކުރުމަށް ފަހު، އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ 13:15 އަށް ކަމަށާއި މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ނުވަތަ ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވިއެވެ.

އިހަވަންދޫ ސްކޫލުގެ ބެލެނިވެރިންގެ ހިޔާގެ މަސައްކަތް ނިންމާލާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ކުރީކޮޅުއެވެ.