ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް، "ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން" ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފިއެވެ.

އެމްއެންޕީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީ ރަޖިސްޓްރީކުރުމަށް ހުށަހެޅުނު ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު، "ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން" ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

Ad
rt

މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން މައުލޫމާތު ދެއްވަން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ އެއް މުއައްސިސް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟްއާއި، އެމްއެންޕީގެ އެއް މުއައްސިސް ވިލިމާލޭމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްގެ އިތުރުން އެޕާޓީގެ ސްޕޯކްސްޕާސަން އަސްރާ އަޙްމަދުއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޕޮލިސް ކޮމިޝަނަރކަން ވެސް ކުރެއްވި، ޢަބްދުﷲ ރިޔާޟް ވިދާޅުވީ ޕާޓީގެ އުފެއްދުމުގެ ޖަލްސާ ކުރިޔަށް އޮތް އޮކްޓޯބަރ މަހުގެ 8 ވާ ހުކުރު ދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ބޭއްވުމުގެ މަސައްކަތްތައް ކުރަށްވަމުން އަންނަކަމަށެވެ.

އެ ބައްދަލުވުމުގެ ފުރަތަމަ ދަންފަޅި އެދުވަހުގެ މެންދުރު 2 އިން 6 ށް، އަދި ރޭގަނޑު 9 ން ފެށިގެން ރޭގަނޑު ދެވަނަ ދަންފަޅި ކުރިޔަށް ދާނެކަމަށާއި، އެބައްދަލުވުމުގައި ޕާޓީގެ ނަމާއި، ލޯގޯއާއި، ދިދަ އަދި ކުލަ ފާސްކުރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ އަސާސީ ޤަވާޢިދާއި ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުންވެސް އެ ދަންފަޅީގައި ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.

އެ ޕާޓީގެ ވަގުތީ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ތެރޭގައި ރައީސްގެ އިތުރުން 6 ނައިބުު ރައީސުން އިންތިޚާބު ކުރާނެއެވެ. އޭގެތެރޭން އެއް މަގާމު ހާއްސަކޮށްފައި ވަނީ ކަނބަލުންނަށެވެ. މީގެއިތުރުން އަންހެނުންގެ ވިންގގެ ލީޑަރު، ޒުވާނުންގެ ވިންގގެ ލީޑަރު އަދި އިތުރު 21 ކައުންސިލް މެންބަރުން އިންތިޚާބު ކުރާނެއެވެ. ކައުންސިލް މެންބަރުންގެ 7 މަގާމުވެސް ވަނީ އަންހެނުންނަށް ޚާއްޞަ ކޮށްފައެވެ.

އެމްއެންޕީ ރަޖިސްޓަރީކުރުމަށް 5000 އަށްވުރެ ގިނަ ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިހިނގާ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.

އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤަޢުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެ ޕާޓީން ބުނެއެވެ.