މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެ އަށް ދަތުރު ކުރަމުން ދިޔަ ސަފާރީއަކަށް ދިޔަވެ، އަޑިއަށް ގޮއްސި އެކަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ "ހޭންޑީ ކްރޫޒާ" ނަމަކަށް ކިޔާ މި ސަފާރީ އަޑިއަށް ގޮސްފައިވަނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެގެން ކަމަށެވެ. މި ސަފާރީއަށް ދިޔަވާން ފެށީ ތިލަފުށީ ހުޅަނގު ދެކުނުން 4 ނޮޓިކަލް މޭލު ބޭރުންނެވެ.
މި ސަފާރީގައި 17 މީހަކު ދަތުރުކުރަމުން ދިޔައެވެ. އެ މީހުން މިހާރު ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގައި މާލެ ގެނެސްފައެވެ.
އޭގެ ތެރެއިން ހާލުބޮޑުވި 7 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިއެވެ. ނިޔާވެފައި ވަނީ 41 އަހަރުގެ ބިދޭސީއެއްކަމަށް އެނގިފައިވެއެވެ.
"ހޭންޑީ ކްރޫޒާ" ސަފާރީ ދިޔަވެގެން އެ ހާދިސާގެ ރިޕޯރޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު 08:39 ހާއިރުއެވެ. އަދި އެވަގުތުން ފެށިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވެއެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުމަގުން ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!