އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. މަކުނުދޫ ދާއިރާގެ ރައީސްކަން އަހްމަދު މައުސޫމް ދިފާއުކުރައްވައިފި އެވެ.

މިއީ މަކުނުދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު މައުސޫމް އިންތިހާބުވި 3 ވަނަ ފަހަރެވެ. މައުސޫމް ވާދަކޮށްފައިވަނީ މަނުޢުމާން އަޙްމަދު އާއެވެ.

Ad
rt

މައުސޫމް އަކީ އެމްޑީޕީގެ ފައުންޑަރ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މީގެ އިތުރުން މައުސޫމް އަންނަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސީ) ގެ ޗެއާމަންގެ މަގާމުވެސް ފުރުއްވަމުންނެވެ.

އެމްޑީޕީގައި އިސްކޮށް އުޅުއްވާ މައުސޫމް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ރައީސް އޮފީހުގެ ފައިނޭޝަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ދާއިރާގެ ނައިބު ރައީސްކަމަށް ވާދަކުރެއްވީ ހަސަން އަބުދްރަހްމާން އެކަންޏެވެ.

ބޮޑު ތަފާތަކުން މި އިންތިހާބު މައުސޫމް ކާމިޔާބު ކުރައްވާފައިވާއިރު މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރ މުހައްމަދު ރާއީވަނީ ވަރަށް ފާޅުގައި މައުސޫމްގެ ކެންޕެއިން ތަކުގައި ބައިވެރިވެ މަސައްކަތް ކުރައްވާފަ އެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.