ތިލަދުންމަތިން ފެނުނީ ހަގީގީ ދިވެހި ރާއްޖެ: އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ

Caron Röhsler

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ މިދިޔަ ހަފްތާގައި ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ފެނިގެން ދިޔައީ ހަގީގީ ދިވެހި ރާއްޖެ ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ "ތިލަދުން" އިންް ގެނެސްދޭ "ތިލަދުންމަތީ ޑައިރީސް" ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ދެއްވި އެކްސްކްލޫސިވް އިންޓަރވިއު އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިލަދުންމަތީގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ތިލަދުންމަތީގައި ފަތުރުވެރިކަން ގާއިމު ކުރެވޭނެ ވަރުގެ ޤާބިލިއްޔަތުކަން އެބަހުރި ކަމަށާއި ދާދިފަހުން އެކަމަނާ ތިލަދުންމަތީ ކުޅުދުއްފުށްޓަށް ކުރެއްވި ޒިޔާރަތުގައި ތަފާތު އެކިއެކި ހިތްގައިމު ކަންކަން ތަޖުރިބާކޮށްލަން ލިބިލެއްވިކަމަށެވެ.

މީގެއިތުރުން، އާންމުކޮށް ރާއްޖެއޭ ބުނުމުން ހީކުރާ ތަޖުރިބާތަކާއި ތަފާތު ތަޖުރިބާއެއް ކުރެވުނުކަމަށެވެ. ތަފާތު ތަޖުރިބާއެއް ކޮށްލަން ބޭނުންވާ ފަތުރުވެރިއަކު ނަމަ ތިލަދުންމައްޗަކީ ރަނގަޅު ސަރަހައްދެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

" ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއޭ ބުނުމުން އެންމެންނަށް ސިފަވާނީ ވޯޓަރ ވިލާ ތަކާއި 5 ތަރީގެ ހޮޓެލްތައް. ނަމަވެސް އެއަށްވުރެ މާގިނަ ކަންތައްތަކާއި ތަންތަން ރާއްޖޭގައި އެބަހުރި. އެއީ އާންމުން ދިރިއުޅޭ ގޮތްތަކާއި ދިވެހި ސަގާފަތް ތަޖުރިބާ ކޮށްލުން ފަދަ ކަންކަން."

އިނގިރޭސި ސަފީރު ކެރޮން ރޮސްލަރ ވިދާޅުވިއެވެ.

މުހިންމު ނުކުތާއެއް ގޮތުގައި ފާހަގަކުރައްވަމުން އިނގިރޭސި ސަފީރު ވިދާޅުވީ ކުޅުދުއްފުށްޓާއި ތިލަދުންމަތި އަދި މުޅި ރާއްޖެވެސް ވިސްނަންވީ 'އިކޯ ޓުއަރިޒަމް' ކުރިއެރުވުމަށްކަމަށާއި އެއީ އެކަމަނާގެ ނަޒަރުގައި އެ ބާވަތުގެ ފަތުރުވެރިކަން ކުރުމުގެ ވަރަށް ބޮޑު ގާބިލިއްޔަތުކަން ރާއްޖޭގައި އެބަހުރިކަމަށެވެ.

'އިކޯ ޓުއަރިޒަމް' އަކީ ފަތުރުވެެރިކަމުގެ ބާވަތްތަކުގެ ތެރެއިން ގުދުރަތީ ގޮތުން ހެދިފައި ހުންނަ ސަރަހައްދުތަކަށް ޒިޔާރަތް ކުރުމާއި ތިމާވަށި ހިމާޔަތްކުރުމަށް ބާރުއަޅާ އަދި އާންމު ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ބާރުއަޅާ ބާވަތެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުކުރުން ހުއްޓުމަކަށް އައިސް އޮތުމަށްފަހު އަލުން ހުޅުވާލުމުން އިނގިރޭސި ސަފީރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރުމަށް ނިންމަވާފައެވެ. އެގޮތުން، އެންމެ ފުރަތަމަ މަންޒިލަކަށް އެކަމަނާ ވަނީ ތިލަދުންމަތީ ކުޅުދުއްފުށި އަދި ހަނިމާދޫއަށް ޒިޔާރަތް ކުރައްވާފައެވެ.

ކެރޮން ރޮސްލަރއަކީ ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ މި ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެހެން ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ވަޢުދުގެ ދަށުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށްވުމާއި ގުޅިގެން ހޯދިފައިވާ ކުރިއެރުމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *