ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށާއި، ފިޔަވަޅު އަޅާނެކަމަށްް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

އިދިކޮޅުން މިއަދު ހަވީރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ "އިންސާފު ހޯދަން" ނަމުގައި އެއްވުންތަކެއް ބާއްވާފައެވެ.

Ad
rt

މިގޮތުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނަވައިގެން ރައީސް ޔާމީން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެއްވުމުގައި ބައިވެރިވި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އެމަނިކުފާނުގެ ގެކޮޅާއި އަރާހަމަވުމުން ރައީސް ޔާމީން ވަނީ ގެކޮޅުގެ ކުޑަދޮރުން ސަޕޯޓަރުންނަށް އަތުން އިޝާރާތްކުރައްވާ ހިތްވަރު ދެއްވާފައެވެ. އަދި ގައުމީ ދިދަޔާއި، ޕީޕީއެމް ދިދަ އެއްވެސް އެ މަނިކުފާނު ހޫރުވާފައި ވެއެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ސަރުކާރާއި މެދު ހިތްހަމަ ނުޖެހިގެން ދިވެހި ރައްޔިތުން މަގުތަކަށް ނިކުމެ އަޑު އުފުލުމުގެ އަދަބު ރައީސް ޔާމީންއަށް ދީގެން ނުވާނެކަމަށެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވަނީ މިއަދު އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން" ނަމުގައި މިއަދު ކުރިއަށްގެންދިޔަ ސުލްހަވެރި ހިނގާލުމުގައި ދިވެހި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ބައިވެރިވި ކަމަށެވެ. އަދި އެ ރައްޔުތުންވަނީ މި ސަރުކާރުން އިންސާފުގެ ބޭރުން ކުރަމުން ގެންދާ ކަންކަމާއި ދެކޮޅަށް އަޑު އުފުލުމުގެ އިތުރުން، ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވާ، ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާތީ އެކަންކަން ހުއްޓާލާ އިންސާފު ޤާއިމްކުރުމަށް ގޮވާލާފަކަމަށެވެ.

މި ސުލްހަވެރި ހިނގާލުމުގައި ބައިވެރިން ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި ހަމައަށް އެރުމުން، އެމަނިކުފާނު ދެކިލުމަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ރައްޔިތުންނަށް ފެނިލުމަށް ގޭގެ ކުޑަދޮރުން ބޯދިއްކޮށްލައްވާ ބައިވެރިންނަށް އެމަނިކުފާނު ވަނީ އަތް ހޫރުވާ ސަލާމް ކުރައްވާފަކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

"މިއީ އެއްވެސް ޙާލެއްގައި ގޭ ބަންދުގައި ހުންނަވާ ބޭފުޅަކަށް ނުކުރެއްވޭނެ ކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ހެދިފައިވާ އެއްވެސް ޤާނޫނެއް ޤަވަޢިދެއް ނުވަތަ އުސޫލެއްގައިވެސް ބަޔާންކޮށްފައިވާ ކަމެއް ނޫންނެވެ. ހަމައެއާއި އެކު އެމަނިކުފާނާއި އެކު ދައުލަތުން އެއްބަސްވެފައިވާ އެއްވެސް އެއްބަސްވުމެއްގައިވެސް އޮތް ވާހަކައެއް ނޫނެވެ." އެބަޔާނުގައި ބުނެފަވެއެވެ.

އެހެންކަމުން ރައީސް ޔާމީނާއި ދޭތެރޭ ފިޔަވަޅު އަޅާނެކަމަށް ބުނެ ކޮމިޝަނަރ އޮފް ޕްރިސަންސް ޓްވީޓް ކުރައްވާފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފަވެއެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.