އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަޙްމަދު ޝަރީފްގެ ނަން އޮތީ އިދިކޮޅު ކޯލިޝަންގެ "ފޮތުގެ" ވަރަށް ކުރީގައި ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާޢު މިހެން ވިދާޅުވީ ރޭ އިދިކޮޅު ކޯލިޝަނުން މާލޭ ސިޓީގެ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ "އައްޑަނަ" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާޢުވަނީ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފަކީ ޤައުމު މިހިސާބަށް ދިޔުމުގެ ޒިންމާ ނަގަންޖެހޭ "މާސްޓަރު" ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އެމީހެއްގެ ވާހަކަ ނުދައްކާ އެކަކު އެބަހުރި، އެއީ ހިތުން ފޮރުވިގެން ހުރިމީހެއް، އެކަމަކު އޭނައަކީ އަލުގަނޑުމެންގެ ފޮތުގައި ވަރަށް ކުރީކޮޅުގައި ލިޔެވިފައިވާ މީހެއް، އީސީ ޝަރީފް، އޭނާއަކީ ޒިންމާނަގަންޖެހޭ މާސްޓަރު މިގައުމު މިހިސާބަށް ގެންދިޔުމުގައި،" ޝުޖާޢު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އޮތް ސަރުކާރު އައިސް އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑެތި އުނދަގުލާއި މުސީބާތް ކުރިމަތި ކުރުވި ކަމަށެވެ.

"ވެރިކަން ނިމުމާއެކު ރައީސް ޔާމީން ޕީއެންސީކިޔާ ޕާޓީއެއް އުފައްދަން އުޅުމާއެކީގައި އިލެކްޝަން ކޮމިޝަންގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށް ގިނަ ދުއްތުރާތައް ކުރި، އަޅުގަނޑުމެން 10 ހާސް މެންބަރުންގެ ފޯމު ފުރާފައިލީމައި 2 ހާސްވެސް ހަމަނުވޭ، ހުރިހާ ފޯމެއް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވައިގެން ފިންގަރ ޕްރިންޓް ވެރިފައި ކުރީ މިމީހުން، މިއަދު އަޅުގަނޑުމެން އަޑުއެބައަހަން "ފިސްތޯލަ" ޕާޓީ އުފައްދަންއުޅޭއިރު އެހެންގޮތަކަށޭ މިކަންވަނީ" ޝުޖާޢު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޝުޖާއު ވަނީ ރައީސް ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ކާންދޭނީ ޒައްގޫމް ކަމަށް ވިދާޅުވެފައެވެ. އަދި އެ ޙުކުމް ކުރެއްވި ބެންޗްގެ އިސްފަނޑިޔާރެއް ގޮތުގައި ހުންނެވި މިހާރުގެ ސްޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު އޮންނަވާނީ ޖަލުގައި ކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.

ހއ. ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ހއ. ދައްޕަރު ވަކިކުރި ކުރުމަށް އިޝާރާތްކުރައްވާ ސުޖާޢު ވިދާޅުވީ މި ސަރުކާރަށް އިޚްތިޞާޞް ނޭނގޭ ކަމަށާއި، އިނގޭނީ ޓޮމާޓޯ ސޯސް ކަމަށެވެ.

ރޭގެ ޖަލްސާގައި ވަނީ ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުން ބައިވެރިވެފައެވެ.