ނަފުރަތުގެ އަމަލު ބަޔާންކޮށް ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަޅާފައިވާ ބިލު ކޮމެޓީން މިހާރު ނިންމާފައި އޮތް ގޮތުން، އަތުގައި އެއް ބިލިއަން ޑޮލަރު ހުރި މީހަކު ވެސް ތިމަންނަ ޒަކާތް ދައްކާކަށް ނުޖެހޭނޭ ބުނެފާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ އަކީ އެ ބިލު ދިރާސާ ކުރެއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މެންބަރެކެވެ. ނަމަވެސް އޭނާ އެ ބިލު ކޮމެޓީން ފާސްކުރަން ވޯޓު ދެއްވާފައެއް ނުވެއެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ، މިހާރު ވެސް ޤާނޫނުލްޢުޤޫބާތު ބުނާ ގޮތުން އަނިޔާވެރިކަމަށް ގޮވައިލުމަކީ ކުށެއް ކަމަށެވެ. އަދި އަނިޔާކޮށް މާރާމާރީ ހިންގުމަށް ގޮވާލައި ހިތްވަރުދިނުމަކީ އަދި ހިތްވަރުލިބިދޭ ގޮތަށް ވާހަކަދެއްކުމަކީ ވެސް ކުށެއް ކަމަށެވެ.
"އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން އަދި އަޅުގަނޑު އެދޭ ކަމެއް ވެސް ނޫން، އަދި އަޅުގަނޑު ދުވަހަކު ކުރި ކަމެއް ވެސް ނޫން އެއީ، މީހަކަށް ކާފަރަށް ގޮވުން، ލާދީނީއަށް ގޮވުން، އެކަން ކުރާކަށް ނުވެސް ޖެހޭ އަދި ކޮށްގެން ނުވެސް ވާނެ. ހަމަގައިމު ވެސް އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާއަށް ލާދީނީއަށް، ކާފަރަކަށް ގޮވިގެންނުވާނެ." އަލީ ވިދާޅުވިއެވެ.
އެ ބިލާއިގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިޞްލާޙުތަކެއް ހުށަހެޅިއިރު، އެއްބައި ދޫކޮށްލާފައި އަނެއްބައި ބަލައިގަތްކަން ފާހަގަ ކުރަށްވަމުން ޢަލީ ވިދާޅުވީ، ކުށް ބަޔާންކުރާ މާއްދާގައި ނިޔަތުގެ ވާހަކަ އެއްވެސް ގޮތަކަށް ނެތި އެކަން ދޫކޮށްލާފައި އޮތްކަން ވެސް ފާހަގަ ކުރެއްވޭ ކަމަށެވެ.
އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އަނިޔާވެރިކަމަށް ހިތްވަރުދިނުން، "ހިތްވަރުދޭ ފަދަ ގޮތަކަށް" މި ބަސް ކުށް ބަޔާންކުރާ މާއްދާއަށް ގެނައުމަށް ތަކުރާރުކޮށް ކޮމެޓީގައި އެދިލެއްވި ކަމަށާއި، ނަމަވެސް އެ މާއްދާ އެގޮތަށް ބަދަލުނުކޮށް ހަމަ ކުރިން ވެސް އޮތް ގޮތަށް ނިޔަތަކީ އަދި އަމުދުން އޭގައި ނެތް އެއްޗެއް ކަމަށް ބަލައި އެ މާއްދާ ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ހަމައެކަނި މީހަކީ ލާދީނީ މީހެއް ކަމަށް ސިފަވާ ގޮތަށް ވާހަކަދެއްކުން އެއީ ޖިނާއީ ކުނަކަށް ހަދަންޖެހޭ ހިސާބަކަށް ދިޔަ ކަމަކަށް އަދި ގަބޫލެއް ނުކުރެވޭ ކަމަށް އަލީ ވިދާޅުވިއެވެ.
"އޭގެ މާނައަކީ، އަޅުގަނޑު އެއްވެސް ގޮތަކަށް އެކަން ކުރަން ހިތްވަރުދެނިއްޔަކީ ނޫން. އަދި އެކަން ކުރަންޖެހޭނޭ ބުނަނީކީ ވެސް ނޫން. އެހެންނަމަވެސް، މިހާރު މި ބިލު އޮތް ގޮތުން، އަޅުގަނޑު މަޖިލީހުގައި ވެސް ދެންނެވިހެން މިހާރު މި ބިލު އޮތް ގޮތުން އަތުގައި އެއް ބިލިއަން ޑޮލަރު ހުރި މީހަކު ވެސް ނުކުމެފައި ބުނެފާނެ ތިމަންނަ ޒަކާތްދައްކާކަށް ނުޖެހޭނޭ. އެއީ ތިމަންނަގެ އަތުގައި ހުރީ ބޯބުރި ޖަހާފައި ހުރި ކަރުދާސް ނޫޓުތަކެކޭ ހުރީ އިނގޭތޯ." ޢަލީ ވިދާޅުވިއެވެ.
އެގޮތަށް އެ ވާހަކަ މީހަކު ބުނެފި ކަމަށް ވާނަމަ، އޭނައާ ދެކޮޅަށް އޭނައަކީ އިސްލާމްދީނާ ދެކޮޅު ނުވަތަ އެ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުވާނެ މީހެއްކަން ސިފަވާ ގޮތަކަށް ވެސް ވާހަކަދައްކައިފިއްޔާ އެ މީހަކު ދާން މި ޖެހެނީ ޖަލަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އެކަން އެގޮތަށް އޮތުން ބަލައި ނުގަނެވޭނެ ކަމަށާއި، ދުނިޔޭގައި އަމިއްލައަށް މަރުވުމަށް ގައިގާ ބޮން ހަރުކޮށްގެން މަރުވުމަކީ މިއީ ވެސް އިސްލާމްދީން ހުއްދަކުރާ ކަމެއް ކަމަށް ގަބޫލުކުރާ ނުވަތަ އެ ވާހަކަ ދައްކާ ބައެއް އިސްލާމީ އިލްމުވެރިން ފަލަސްތީނު ކަހަލަ ޤައުމުތަކުގައި މިހާރު އުޅޭ ކަމަށާއި، ނަމަވެސް، އެ ވާހަކަ ދިވެހިރާއްޖޭގައި ދެއްކީމައި އެއީ އިސްލާމްދީނުގައި އޮންނަ ގޮތެއް ނޫންކަމަށާއި، އެއީ އިސްލާމްދީނާ ޚިލާފަށް ދައްކާ ވާހަކައެކޭ ބުނެވެންޖެހޭނެކަން ވެސް ކޮމެޓީގައި ފާހަގަ ކުރެއްވި ކަމަށް ޢަލީ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އެ ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން ބުރާސްފަތި ދުވަހު ވަނީ މަޖިލީހުން ފާސްކޮށްފައެވެ.
އެ ބިލު ކޮމެޓީއަށް ފޮނުވުމާ މެދު ނެގި ވޯޓުގައި ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!