ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ 65 މެންބަރުން ވަރަށް ގިނަ މަސައްކަތްކޮށް ދެއްވައިފި ކަމަށާއި، މިވަގުތަކީ އެ މެންބަރުން އެކައްޗެއް ކިޔައިގެން ބަދަހިކޮށް ތިބެންވީ ވަގުތުކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ނަފުރަތުގެ އަމަލު ބަޔާންކޮށް ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަޅައި، ބިލާއިގުޅިގެން އިއްޔެ ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ތަޅުމުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދި ޚިޔާލު ދެކަފިވެފައެވެ.

Ad
rt

އެހާލަތުގައި މަޖިލިސްތަޅުން ހޫނުކޮށް އޮއްވައި، މެންބަރު ރާއީ ދެއްކެވި ވާހަކާގައި ވަނީ އެމްޑީޕީގެ މެންބަރުން އެތައް މަސައްކަތެއް ކޮށްދީފައިވާ ކަމަށް ފާހަގަ ކުރަށްވައި، އެ މަސައްކަތްތަކުގެ ސަބަބުން އެ މެންބަރުން ހީރޯއިންނަށްވިއިރު، އެންމެ ކަމެއް ނުވީމައި އެ މެންބަރުންނަކީ ޒީރޯއިންނަށް ހެދުމަކީ ކަމުދާ ގޮތެއް ނޫންކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މެންބަރުން ގިނަ ވާހަކަތަކެއް ދައްކަވައި، ގިނަ ކަންބޮޑުވުންތަކެއް ވެސް ފާޅުކުރަށްވާފައިވާ އަދި ރާއްޖޭގައި ނަފުރަތު އުފެއްދުމަކީ އެންމެ ބޮޑުކަންތައްކަން ފާހަގަކުރަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަފުރަތުގެ އަމަލު ބަޔާންކޮށް ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރުމަށް ބިލެއް މަޖިލީހަށް އައީވެސް އެހެންވެ ކަމަށާއި، އެ ބިލުއައީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ވަކާލާތުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ބިލުގެ މަސައްކަތް ހިނގަމުންދިޔަ މަރުހަލާގައި ހިތްހަމަނުޖެހުންތަކާއެކު އެކިކަންކަން ދިމާވެގެން ދިޔައީ ކަމަށާއި، އެހެން ނަމަވެސް މިކަންތައްތައް އެހެން ދިމާވި ނަމަވެސް އެމްޑީޕީގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެމްޑީޕީގެ މަޖިލިސް މެންބަރުން އެބަޖެހޭ އެކީއެކައްޗަކަށް ވަރުގަދަކޮށް ތިބެން، އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި ދެއްކޭ ބައިވަރު ވާހަކަތަކުން އަޅުގަނޑުމެން ކުރަންއުޅޭ ކަންތައްތައް ނުކުރެވިގެން ދަނީ، އަޅުގަނޑު މިއަދު ފާހަގަކޮށްލަން ގައިމުވެސް އަޅުގަނޑުމެން 65 މެންބަރުން މިތާ ތިބެގެން ވަރަށްގިނަ ކަންތައްތައް، ވަރަށް ބައިވަރު ކަންތައްތައްކޮށްފި، ހީރޯއިންނަށް ހަދާލި ކަންތައްތައްކޮށްފި، އެކަމަކު ވަކިކަމެއް ނުވީމަ އެމީހުން ޒީރޯއިންނަށް ބަދަލުވެގެން ދިޔައީމަ ކަމަކުނުދޭ" ރާޢީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިސްތިއުފާއަށް ގޮވައިލިތަން ފެނިގެން ހިނގައްޖެ ކަމަށާއި، މެންބަރު ރަޝީދާއިމެދު ޕާޓީން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"މިއަކީ ރައީސްގެ އިސްތިއުފާއަށް ގޮވަންޖެހޭ ދުވަހެއްނޫން، މިއަކީ އަޅުގަނޑުމެން މަޖިލިސްގެ ތެރެއިން މިއަށްވުރެ ބަދަހިކޮށް ޓެރެރިޒަމާއި އެފަދަކަންކަން ހުއްޓާލަން މަސައްކަތްކުރަންޖެހޭ ދުވަސްމިއަކީ، އަޅުގަނޑުމެންނަށް މިކަންތައް ކުރެވޭނީ އަޅުގަނޑުމެން އެއްކޮށް ތިބެގެން" ރާޢީ ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ އެމްޑީޕީގެ 65 މަޖިލިސް މެންބަރުންނަކީ ފިނޑިންގެ ގޮތުގައި ސިފަކުރަށްވާ ވާހަކަ ދައްކަވާފައެވެ.

ހޫނުގަދަ ބަހުސަކަށްފަހު އިއްޔެ ވަނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އެ ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފައެވެ.

އެ ބިލު ކޮމެޓީއަށް ފޮނުވުމާ މެދު ނެގި ވޯޓުގައި ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.