އެންމެން ފުޓްބޯޅަ ފޯރީގައި ޔޫރޯ ބަލަން ތިއްބައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އެ ރަށުގެ ޒުވާނުންނަށް ވެ ވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް އެ ރަށު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ނިންމައިފި ކަމުގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ނިންމާލެވިފައިވާ ކަން ހާމަކޮށް ޔޫތު މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެންމެން ފުޓްބޯޅަ ފޯރީގައި ޔޫރޯ ބަލަންތިއްބައި ހދ.ހަނިމާދޫގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ޤާއިމް ކޮށްދެއްވަން ވަޢުދުވެ ވަޑައިގެންނެވި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވެފައި ވަނީ ދަނޑުވަށައި ފެންސް ޖެހުމުގެ މަސައްކަތް ކުރިން ކައުންސިލާއި ހަވާލުކުރެވިފައިވާ ކަމަށެވެ.
ހަނިމާދޫގައި އެޅިގެންދިޔަ ޓާފްދަނޑާއި ގުޅޭގޮތުން "ތިލަދުން" ނޫހަށް މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން ވިދާޅުވެފައި ވަނީ ދަނޑުގައި ޓާފް އަޅައި މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް ދަނޑުގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޖޫން 17 ވަނަ ދުވަހު އިޢުލާންކުރެވި އެ އިއުލާނުގެ މުއްދަތު ޖޫން މަހުގެ 28 ވަނަ ދުވަހު ވަނީ ހަމަވެފައި ކަމަށެވެ. އަދި އެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް މިހާރު ވަނީ މުއްދަތެއް ކަނޑައެޅި ބިޑް ޑޮކިއުމެންޓް ވެސް ފޮނުވިފައި ކަމަށެވެ.
ސައްތާރު އިތުރަށް ވިދާޅުވެފައި ވަނީ ދަނޑަށް ފެންޖެހުމަށް ބޭނުންވާ ފެނުގެ ނިޒާމް ކައުންސިލުން އިސްނަގައިގެން ޓާފް ދަނޑާއި އަދި މިހާރު ކުޅުމަށް ބޭނުން ކުރަމުން އަންނަ ވިނަ ދަނޑުގެ ވަށައިގެން ވެސް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކައުންސިލުގެ ވިސްނުމަކީ ދަނޑުގެ ފެންސާއި އަދި ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ފަހު ދަނޑު ރަސްމީކޮށް ބޭނުން ކުރަން ފެށުން ކަމަށެވެ. ނަމަވެސް އެކަމަށް ގޮތެއް ނިންމުމަށް މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެ ކަމުގައި ސައްތާރު ވަނީ ވިދާޅުވެފައެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުތައް ބެލެހެއްޓުމަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާ ކަމުގައި ސައްތާރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ރާއްޖޭގައި 100 ޓާފް ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް އަމާޒު ހިފާފައިވާއިރު، މި މަޝްރޫޢުގެ ދަށުން ބޮޑު ތިލަދުންމަތީގެ ބައެއް ރަށް ތަކުގައި މިހާރު ޓާފް ދަނޑުތައް ވަނީ އަޅާ ނިންމާފައެވެ. މިގޮތުން ހއ.ތުރާކުނު، ހއ.ދިއްދޫ، ހދ.ނެއްލައިދޫ ދަނޑު މިހާރު ވަނީ ނިންމައި ބޭނުން ކުރަން ފަށާފައެވެ. އަދި މީގެ އިތުރުން ތިލަދުން މަތީގެ ގިނަ ރަށްތަކެއްގެ ދަނޑުތަކުގެ މަސައްކަތް މިހާރު ވެސް އެބަ ކުރިއަށް ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!