ޤާނޫނު އަސާސީގެ މާއްދާ 27ގެ އިމުގެ ތެރެއިން ހިޔާލުފާޅު ކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެންނުވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މާއްދާ ހަތާވީހަކީ ދިވެހި ރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން'' (މާއްދާ 27:އެ މާއްދާގެ މިނިވަން ކަމާއި އެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަންމެ މީހަކަށްމެ ލިބިގެންވެއެވެ.) ''ބަޔާން ކުރާ މާއްދާއެވެ.

Ad
d

ޢަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭ، 27 ވަނަ މާއްދާގެ އިމުގެ ތެރޭގައި ބޭނުންކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ.

"ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައެއް ނުގަނެވޭނެ" އަލީ ވިދާޅުވިއެވެ.

ޢަލީ މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް ބުނެ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް ދީނީ އިލްމްވެރިޔާ ޑރ. އިޔާޟު ވަޒީފާއިން ވަކިކޮށްފައި ވަނިކޮށެވެ.

މީގެއިތުރުން އެމްއެންޔޫގެ ލެކްޗަރާ، ދީނީ އިލްމްވެރިޔާ ޝައިހް އަލީ ޒައިދުއަށް ވެސް އޭނާ ކުރި ޓްވީޓްތަކަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ފިޔަވަޅުއަޅާފައިވާ ކަމަށް އޭނާ ވަނީ މިއަދު ވިދާޅުވެފައެވެ. އެގޮތުން އަނގަބަހުން ނަސޭހަތްދީ އަދި ލިޔުމުން އިންޒާރުވެސް ދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑރ. އިޔާޟް އަދި ސެއިޚް ޒައިދަކީ ވެސް އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުންނެވެ.

އިއްޔެ ޑރ. އިޔާޟް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ ދީނީ ޚިލާފްތަކާމެދު ޢިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު ޢިިލްމީގޮތުން ރީތި އަޚްލާޤީ ބަހުސްކޮށް ހައްލު ހޯދެންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީއިން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި، ޑރ. އިޔާޟާއިމެދު ނިންމި ނިންމުން މުރާޖަޢާ ކުރުމަށް އޭނާ ވަނީ ގޮވާލަށްވާފައެވެ.

Ad
df

ޑރ. އިޔާޟް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އަދާލަތު ޕާޓީން ވެސް މިއަދު ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޑރ. އިޔާޟުއާއިމެދު އެޅި ފިޔަވަޅަކީ، އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު، ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުނެފައެވެ.