މަސްހޫރު ދީނީ ޢިލްމްވެރިޔާ، ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވަޒީފާއިން ވަކުރީ ރަނގަޅަށް ނޫންކަމަށާއި، އެ ނިންމުން މުރާޖައާކޮށްދެވުމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ގޮވާލަށްވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައެވެ.

Ad
rt

އެމްއެންޔޫއިން ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް ސެއިޚް އިމްރާން ވަނީ އެކަމާއި ގުޅިގެން މިރޭ ފުލުފުލުގައި ދެ ޓްވީޓެއް ކުރަށްވާފައެވެ.

މިގޮތުން ފުރަތަމަ ޓްވީޓްގައި ވިދާޅުވީ، ދީނީ ޚިލާފްތަކާމެދު ޢިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު ޢިިލްމީގޮތުން ރީތި އަޚްލާޤީ ބަހުސްކޮށް ހައްލު ހޯދެންވާނެ ކަމަށެވެ.

"ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީއިން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން، ނިންމުން މުރާޖަޢާ ކުރުމަށް ގޮވާލަން،" އިމްރާން ވިދާޅުވެފަވެއެވެ.

ދެވަނަ ޓްވީޓްގައި އިމްރާން ވިދާޅުވީ، ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ސަޚްސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ ޢިލްމްވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ޚިދުމަތްކުރަށްވާ ބޭފުޅެއް ކަމަށެވެ.

"ޑރ. އިޔާޒްގެ ބައެއް ފިޤްޙީ ރައުޔާއި އަޅުގަނޑަށް އެއްބަސް ނުވެވުނަސް އެމަނިކުފާނާމެދު އެމްއެންޔޫއިން އެޅި ފިޔަވަޅަކީ އިންސާފްވެރި ފިޔަވަޅެއް ކަމަށް ނުދެކެން." އިމްރާން ވިދާޅުވެފަވެއެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކުރަށްވާފައި ވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ބައެއް މީޑިއާތަކަށް ވިދާޅުވެފަވެއެވެ.

ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި ދުނިޔެމަތީ ޙުކުމްކޮށް އަދަބު ދެވިދާނެ ކަމަށާއި، މާތް اللهގެ އިރާދަފުޅާއެކު އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެކަމަށް ވިދާޅުވެފައެވެ.

ޑރ. އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުގައެވެ.

ޑރ. އިޔާޒަކީ އަދާލަތު ޕާޓީގެ ވެސް ވަރަށް އިސް ޢިލްމްވެރިއެކެވެ. އަދި ޕާޓީގެ ކަންކަމުގައި ހަރަކާތްތެރި ބޭފުޅެކެވެ. އަދާލަތު ޕާޓީއަކީ މި ސަރުކާރުގެ ބައިވެރިއެކެވެ.