ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި އެބަތިބިކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ސިޓީ މޭޔަރ މުޙައްމަދު އާޠިފް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި އޮންލައިން ބައްދަލުކުރެއްވުމުގައި، ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ މުޙައްމަދު އާޠިފް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ޚާއްޞަކޮށް މިހާރު ކުރިޔަށްގެންދާ ގެދޮރުވެރިޔާ ލޯނަކީ އޭގެ ސަބަބުން އެސިޓީއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މޭޔަރ ވަނީ އެސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ހިންގުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.
"ސަރުކާރުން މިހާރު ތަޢާރަފުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަތަކަށްވެސް ލުއިތަކެއް ލިބިގެންދާނެ"
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ސަރުކާރުން ހިންގަވަން ހަމަޖެހިފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިންގ މަޝްރޫޢުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.
ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ ޢަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ ޢަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިންގ އެއްގެ މަސައްކަތް އަލުން މިސަރުކާރުން ފަށައިގެން މިހާރު ދަނީ ކުރިޔަށްގެންދަމުންނެވެ. މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިންގެ އެއްގެ ފިނިޝިންގެ މަސައްކަތްތައް މި ސަރުކާރުން ނިންމަވާ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ލުއިކަމެއް ގެނެސްދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!