ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮތް ހއ. ފިއްލަދޫ ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ހިމެނޭ ދާއިރާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ރޯ މަސް ހަދިޔާ ކުރަށްވައިފިއެވެ.

ފުރަބަންދުގެ ސަބަބުން ފިއްލަދޫގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މެންބަރު އިބްރޭ މިއަދު ވަނީ 975 ކިލޯ ރޯމަސް އެރަށަށް ހަދިޔާ ކުރަށްވާފައެވެ.

Ad
rt

ފިއްލަދޫ ކައުންސިލްގެ ރައީސް ފަޠުޙުﷲ ޙަސަން "ތިލަދުން"އަށް ވިދާޅުވީ، މެންބަރު އިބްރޭ މިއަދު ފޮނުއްވި މަސްތައް އެރަށުގެ ގޭބިސީތަކަށް ބަހާ ނިންމާލާފައި ވާކަމަށެވެ.

"އެއީ 975 ކިލޯ ރޯމަސް، އަގުގެ ގޮތުން ބަލަންޏާ 19500 ރުފިޔާގެ މަސް، މަސްތައް މިހާރު ވަނީ ގޭބިސީތަކަށް ބަހާ ނިމިފައި، ގެއަކަށް 7 މަސް ދެވުނު" ފަޠުޙުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ދަނޑިވަޅުގައި ހެޔޮއެދޭ އެކި ފަރާތްތަކުން ފިއްލަދޫގެ ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަން ހެޔޮހިތުން ބަލައިގަންނާނެ ކަމަށާއި، އެކަމަށް ފިއްލަދޫ ކައުންސިލުން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި މި ގޮތުން ލިބޭ އެހީތެރިކަން އިންސާފްވެރިކަމާއެކު، ރަށުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފުރުޞަޠުގައި އެމްޕީގެ މިއެހީތެރިކަން ވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަން، މި އެހީތެރިކަމަށް ފިއްލަދޫ ރައްޔިތުންގެ ނަމުގައި އެމްޕީއަށް ޝުކުރު އަދާކުރަން" ފަޠުޙުﷲ ވިދާޅުވިއެވެ.

"ޖޫން 17 ފިއްލަދޫ ކްލާސްޓާ"އާއި ގުޅިގެން މިވަގުތު އެރަށުގައި ކޯވިޑް ބަލީގެ 24 މީހަކު އެބަތިއްބެވެ. އަދި ރަށުތެރޭ ބަލި ފެތުރިފަވާ މިންވަރު ދެނެގަންނަން އެރަށުން ވަނީ 35 ރެންޑަމް ސާމްޕަލް ވެސް ނަގާފައެވެ. ނަމަވެސް އެ ސާމްޕަލްތަކުގެ ނަތީޖާއަދި ނުލިބެއެވެ.

ފިއްލަދޫ ސިއްހީމަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ކުއްޖެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:20 އިން ފެށިގެން އެރަށަށް އަރާފޭބުން މަނާކޮށްފައެވެ.