ށ. ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

Ad
rt

އޭނާ ހައްޔަރުކުރީ އިއްޔެ 22:44 ހާއިރު، އޭނާ ދިރިއުޅޭ ގެ ކައިރިން ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.

އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއިި ހަތަރު ރަބަރު ޕެކެޓު ހޯދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މިހާރު އަންނަނީ ތަހުޤީގު ކުރެވެމުންކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.