ބިދޭސީ ޓީޗަރުންނަށް ރާއްޖޭގައި ދެމުންދާ މުސާރަޔާއި އިނާޔަތްތައް ދިވެހި ޓީޗަރުން ވެސް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އަލީ މިހެން ވިދާޅުވީ ރާއްޖޭގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއްޔެ ނެރުއްވި ބަޔާނުގައި އިންޑިއާއިން އަރަބި އަދި ޤުރުއާން ޓީޗަރުން ގެނައީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާތީކަމަށް ބަޔާންކޮށް ނެރު ބަޔާނާއި ގުޅިގެން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.
ޢަލި ވިދާޅުވީ ބޭރު ޓީޗަރުންނަށް ދޭގޮތައް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ވެސް ލިބޭނެކަމަށެވެ.
"ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް ތިޔަމައްސަލަ ދުވަހަކުވެސް ޙައްލެއް ނުވާނެ." - އަލީ ވިދާޅުވެފައި ވެއެވެ.
އެޑިޔުކޭޝަނުން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހި ޓީޗަރުން ނުލިބިގެން، މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން އިންޑިޔާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ އެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ކެރެލާ ސްޓޭޓް އިން ގެނެވުނު 5 ޢަރަބި ޓީޗަރުންނާއި 5 ޤުރްއާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެއްވަމުން ގެންދާކަމަށެވެ.
މި ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން، މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒު ތަކުގައި ކިޔަވާ ދަރިވަރުންނާއިވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތްކުރެވިފާ ވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!