މަސްވެރިކަމަކީ ޒަމާނުއްސުރެއް އަހަރުމެން ދިވެހީން ކާންބޯން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްމަސައްކަތެވެ. މިއަދާހަމައަށް އާދެވުނުއިރު، ދިވެހިން އަންނަނީ ތަފާތު އެކި ވައްތަރުގެ މަސްވެރިކަން ކުރަމުންނެވެ. ބޮޑުކަންނެލީގެ މަސްވެރިކަމުން ފެށިގެން އެންމެ ކުދި ފާނާއިގެ މަސްވެރިކަން ހިމެނެއެވެ. މިގޮތަށް ކުރެވޭ މަސްވެރިކަމުގެ ތެރެއިން، ދިވެހިންގެ ތެރޭގައި މަޝްހޫރު އެއްކަމަކީ މުށިމަހުގެ މަސްވެރިކަމެވެ.

މީސް މީޑިއާގެ ޖާދޫގައި ޖެހި ފޯނަށް ބަލަހައްޓައިން އިންވަގުތު އަޅުގަނޑުގެ ކަޅި ހުއްޓުނީ، ބަޔަކު އެއްވެ ތިބެ މިފަދައިން މުށިމަސް ބާނަމުން ގެންދިޔަ ހިތްގައިމު މަންޒަރެއް ދައްކުވައިދޭ ވީޑިއޯއަކަށެވެ. އެއީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގެ ގިނަ ބަޔަކު މޫދަށް އެރި ތިބެ ދޮށި އުކާ މަންޒަރެކެވެ. މިލިއުމުން އަލިއަޅުވާލަން ގަސްތުކުރަނީ މުށިމަސް ބޭނުމާ ވައިކަރަދޫއާއި އޮތް ގުޅުމާއި އޭގެ ދުވަސްވީ ތާރީހަށެވެ. އެއީ އަޅުގަނޑުވެސް އުފަން ރަށްކަމުން، މިކަމުގައި ހުރި ހިތްގައިމަކަން ހިއްސާކޮށްލަން ބޭނުންވީތީއާވެސް އެކުއެވެ.

Ad
rt

މުށިމަހަކީ ވަކި މޫސުމެއްގައި ރަށްރަށުގެ ފުން ފަޅުތަކަށް ވަދެ އުޅޭ މަހެކެވެ. އަދި ފަތިސް ދަޅައަށް ވަންނަ މި މަސްތައް ނިކުމެގެން ދާނީ ކޮންމެ ދުވަހެއްގެވެސް އިރު އޮއްސުމުންނެވެ. ހަނދާނަށް އަންނަނީ މީގެ އަހަރުތަކެއް ކުރިން ރަށުގެ ބަނދަރުުމައްޗަށް ނިކުމެލާއިރު ފެންނަ ހިތްގައިމު މަންޒަރެކެވެ. ކަނދުފަތި ތަކުގައި ދޮށި ހިފައިގެން ރަށުގެ ކުދި ބޮޑު ގިނަ ބައެއް ފޯރިލާ މުށިމަސް ބާނަމުން ދާތަނެވެ. އެ އެންމެންގެ ކިބައިން ފެންނަ ހިނިތުންވުމުން ބަލާލި ކޮންމެ މީހެއްގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަހަލައެވެ. އެކަކު އަނެކަކަށް ވާދަކުރާ ފަހަރުތައްވެސް އާދެއެވެ.

ހދ. ވައިކަރަދޫގެ އިސްރައްވެއްސަކު ކިޔައިދިންގޮތުގައި އެރަށަކީ ވަރަށް ކުރީންސުރެއްވެސް މުށިމަސް ވަންނަ ރަށެކެވެ. ރަށުގެ ފަޅުތެރޭގައި މުށިމަސް ވަރަށް ގިނަ ދުވަސް ތަކެއްވަންދެން އޭރު އޮންނަކަމަށް ބުނެއުޅެއެވެ. ކުރީޒަމާނުގައި އާންމުކޮށް މުށިމަސް ބާނާ އުޅެނީ ވައިކަރަދޫގެ މިހާރުގެ ބަނދަރު ހިމެނޭ ސަރަހައްދު ތެރޭގައި އޮންނަ ބޮޑު ފުންގަނޑޭ ކިއުނު ހިސާބަކުންނެވެ. އަދި ރަށުގެ ތުނޑީކޮޅުގައި އޮންނަ ފުންގަޑުންވެސް ވަރަށް މުށިމަސް ބާނާ އުޅުނު ކަމަށް އިސްރަށްވެހިން ބުނެ އުޅެއެވެ. މިހާރުވެސް، އެންމެ ގަދަޔަށް މުށިމަސް ބާނާއުޅެނީ މި ދެ ސަރަހައްދުންކަމުގައި ކިޔައިދިނެވެ.

މުށިމަސް ބޭނުމަށްޓަކައި ރަށުގެ ރައްޔިތުން ތަފާތު އެކި އެކި އުޅަނދުތައް ގެންގުޅެއެވެ. އާންމުކޮށް މީހުން ގެންގުޅޭނީ ފިލަޔާއި ތެޔޮ ހުސްކުރި ހަމުން ހަދާފައިވާ ކަނދުފައްޗޭ ކިއުނު އުޅަނދެކެވެ. މެންދަމުން އަލިވެ ފަތިސްނަމާދުކޮށްލައިގެން އެންމެންވެސް އަވަސްވެގަންނާނީ ދޮށްޓާއި ކަނދުފަތި ތައްޔާރު ކުރުމަށެވެ. މަސްބައިގަނޑު ފަޅުތެރެއަށް ވަންނަ އިރަށް އެންމެންހެން މޫދަށް އެރެންފަށާނެއެވެ. އިރުއޮއްސި މަސްބައިގަނޑު ފަޅުންނިކުންނަންދެން އެ ފަޅުން މީހުން ހުސްނުވާ ފަހަރުތައްވެސް މަދެއްނޫނެވެ.

އިހުގައި މީހުން މަސްބާނާ ގޮތާ މެދު ވާހަކަ ދައްކަމުން އިސް ރަަށްވެހިމީހާ ކިޔައިދިން ގޮތުގައި، ކުރީގައި ފުންގަނޑަށް އެރޭއިރު މިހާރު ބޭނުން ކުރާ ކަނދުފަތީގެ ބަދަލުގައި ބޭނުން ކުރަނީ ވާގަނޑެއްގައި ދެކޮޅުގައި ބޮއި އައްސާއިގެން އޭގެ މެދުގައި އީށީނދެ އިނދެގެން ނެވެ.

"ކުރީގައި މުށިމަސް ބާނާފައި އަޅަނީ ފަނުން ހަދާފައި ހުންނަ ގޮނަކަށް. އެ ގޮނު ހުންނާނީ ތުން ހިމަކޮށް އެތެރެ ފުޅާކޮށް. ވަރަށް ގިނަ މަސް އެއަށް އެޅޭނެ. ގޮނު ފުރުމުން ގޮނޑުދޮށަށް އައިސް ބޮޑު ވަޅުގަނޑެއް ކޮނެފައި، ވަޅުލާނެ، އެ ވަޅު ފާހަގަކުރަން ހުނާނީ ދަނޑިއެއް ޖަހާފަ"

އޭނާ ކިޔައިދނެވެ.

ވައިކަރަދޫގައި މުށިމަސް ބޭނުމުގެ ގަވައިދެއްވެސް އޮންނަކަމަށްވެއެވެ. އޭގެ ތެރޭގައި މަސް ވިއްދުން އެއީ މުޅިން މަނާކަމަށާއި އެކަން ކޮށްފިނަމަ ކުށްވެރިވާނެއެވެ. މަސްވިއްދައިގެން ބަޔެއް ފަރާތްތަށް އެއިރުގެ އޮފީހަށް ހާޒިރުކުރާކަމަށްވެއެވެ.

އެޒަމާނުގައި މަސްވެރިކަން ތިޔާގި ކުރުމަށް ހަދާ ފަންޑިތައެއް އޮންނަކަމަށްވެސް ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ. އެކަމަށް ބޭނުންކުރަނީ ފަންޑިތަ ލިޔެފައިވާ ރަން ވަހުތާނެކެވެ. އެ ރަން ވަހުތާނާއެކު، ހުދު ފޮތިކޮޅެއްގައި ލިޔެފައި، އަތިރިމަތީގައި ހުންނަ ރުކެއްގެ އައްސާފައި ހުންނަ ކަމަށްވެއެވެ. އެ ވަހުތާނު މިހާރުވެސް އާސާރެއްގެ ގޮތުގައި ވައިކަރަދޫ ކައުންސިލްގައި އެބަ އޮތެވެ.

ރަށުގައި ވަރަށް ކުރިންސުރެ ފޯރިލާ މުށިމަސް ބޭނުމުގައި ހަރަކާތްތެރިވާ ފަރާތަކުން އަޅުގަނޑަށް ކިޔައިދިން ގޮތުގައި ކުރީގައި މުށިމަސް ބާނާ އުޅުނީ މާބުޅާ ގަހުންނާއި ހިރުނދު ގަހުން ހަދާފަހުންނަ ދޮށީގައެވެ. އަދި ނަރުދަތިން އަމިއްލައަށް ބުޅި ހަދައިގެންވެސް ބޭނުންކުރި ކަމަށް އޭނާ ކިޔައިދިނެވެ. އަދި ރަށުގެ މީހުން ކަނދުފަތިތައް ބޭނުން ކުރަން ފެށީ ފަޅުކޮނުނު ފަހުން ކަމަށް އޭނާ ފާހަގަކުރިއެވެ. މުށިމަހަކީ ވަކި މޫސުމަކަށް ވަންނަ މަހެއްކަމުގައި ވިއަސް ވައިކަރަދޫއަކީ ވަރަށް ކުރިންސުރެ މެދުނުކެނޑި މުށިމަސް ފަޅުގައި އޮންނަ ރަށެކެވެެ. ނަމަވެސް މި އަހަރު މުށި މަސް ވަދެފައިމިވަނީ ދެތިން އަހަރެއްވަންދެން ނުވަދެ މެދުކެނޑިފަ އޮތުމަށްފަހުއެވެ.

މުށިމަސް ފަޅުތެރެއަށް ގިނަވާ ދުވަސްވަރު ފައިދާވަނީ މަސްބާނާ ފަރާތްތަކަށް އެކަންޏެއްނޫނެވެ. އޭގެ ފައިދާ ރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ކުރެއެވެ. މަސް ބާނާ ފަރާތްތަކުން ގިނަފަހަރަށް ރަށުތެރޭގައި މަސް ބާނަން ނުނިިކުންނަ ގެތަކަށް މަސް ބަހާ ހަދައެވެ. އަދި ރަށުން ބޭރުގައި ދިރިއުޅޭ ރަށު މީހުންނަށް އެ މީހުންގެ އާއިލާތަކުން މުށިމަސް ފޮނުވާހަދައެވެ. މިގޮތައް ފޮނުވާއިރު ކައްކާ ހިއްކައިގެން ފޮނުވައެވެ. މިއީ ރަށުގެ އެއްބައިވަންތަކަން އިތުރުކޮށްދޭ ވަރަށް ފުރިހަމަ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.

މުށިމަސް ބޭނުމުގެ ފޯރީގައި ވައިކަރަދޫއަކީ ޒަމާނުއްސުރެ ފާހަގަކޮށްލެވޭ ރަށެކެވެ. މިފަހުން ރަށުގެ ބޮނބިފާ ކޮޅުގައި ހުސްނުވެ ކޮންމެދުވަހަކު ހެނދުނާއި ހަވީރު މޫދަށް އެރި ތިބެ ދޮށި އުކާ މީހުން ތިބެއެވެ. ތެލުލައިގެންނާއި، ގަރުދިޔަކައްކައިގެން އަދި ފިހެގެންވެސް، މުށިމަހަކީ ކާލަން މީރު ތަފާތު މަހެކެވެ. މުށިމަސް ބައިގަނޑު ރަށަށް ވަންނަ ދުވަސްވަރު ރަށު ރައްޔިތުންގެ ކިބައިން ފެނިގެންދާ ހިނިތުންވުމަކީ އަޅުގަނޑު ދުވަހަކުވެސް ހަނދާނުން ނުފިލާނެ މަންޒަރެކެވެ. މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުވެސް މިކަމުގެ ތަޖުރިބާ ކޮށްލަން ލިބުނެވެ. އެ ކަމަކީ މަޖާ އަދި އެހާމެ ހިތްހަމަޖެހުން ލިއްބައިދޭކަމެކެވެ.

ވައިކަރަދޫގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މުށިމަހުގެ މަސްވެރިކަން ކޮށް އުޅެއެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުން ތިލަދުންމަތީގެ ވަރަށް ގިނަ ރަށްރަށުގައިވެސް މިކަން ވަރަށް ފޯރިލާ ކުރަމުންދެއެވެ. ނަމަވެސް މިލިއުމުގައި ފާހަގަކޮށްލިގޮތާއި އެހެން ރަށްރަށުގައި މިކަން ކުރާގޮތް ތަފާތުވެދާނެއެވެ.