ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަގު: ޑރ. ޝަހީމް

Dr. Shaheem

ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަގުކަމަށް ކުރީގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ، މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށެވެ.

ޝަހީމް މިހެން ވިދާޅުވީ، ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލާއި ގުޅޭގޮތުން އާންމު ކުރެއްވި ހިޔާލުފުޅެއްގައެވެ. ޤާނޫނުލް އުގޫބާތަށް ސަރުކާރުން ހުށައަޅާފައިވާ މި އިސްލާހާއި ގުޅިގެން ޢިލްމުވެރިންނާއި ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިސްލާމީ ޝަރީޢާގައި ކަނޑައެޅިގެންވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޚިލާފަށް އެއްވެސް މުސްލިމަކީ ކާފަރެއްކަމުގައި ބުނުމަކީ އިސްލާމީ ޢަޤީދާއާ ޚިލާފުކަމެއްކަން ފާހަގަ ކުރައްވާ ޑރ.ޝަހީމް ވިދާޅުވީ ޝަރުޢީ ގޮތުން އެކަމުގައި ގޮތް ނިންމުންވަނީ ބޭރުފުށަށް ކަމަށާއި ހިތްތަކުގައިވާ ކަންކަން ދެނެވޮޑިގެންވާނީ މާތް ﷲ ކަމަށެވެ.

ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ) މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށާއި ޤުރުއާނާއި ސުންނަތުގައިވާ ގޮތުން އެއީ އިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ރުކުނެއްކަމަށް ޑރ. ޝަހީމްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

މިގޮތުން އިސްލާމީ ނަޒަރިއްޔާތުގެ އަލީގައި "ވެލިއުސް އެންޑް އެތިކްސް" ތަޢުލީމީ މަންހަޖުގެ ތެެރެއިން އުނގަންނައިދީ އެކަކު އަނެކަކަށް އިޙުތިރާމްކުރާން ދަންނަ ފިކުރީ ގޮތުން ވަޒަންހަމަ ޝަޚުޞިއްޔަތެއް ބިނާކުރަން ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.

"މުޖުތަމަޢުގައި ހުންނަ ފިކުރީ، އިޖުތިމާޢީ ކަންކަން ހައްލުކުރުމުގައި ތަޢުލީމާއި ތަރުބިޔަތުގެ މަގަކީ ކާމިޔާބު މަގު." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމްދީނުގައިވާ ޢުޤޫބާތުގެ ޙުކުމްތަކަށް ވުރެ އަޚުލާޤީ ތަރުބަވީ އިރުޝާދުތަކާއި ސިފަތައް ގިނަވެފައިވަނީ ކުށަށް އަރައިގަންނަން ފަސްޖެހޭ އިންސާނަކު ބިނާކުރުމަށްކަމަށެވެ. އަދި ފިކުރީ މައްސަލަތަކަކީ ހަމަ އެކަނި އަދަބުދީގެން ޙައްލުކުރެވޭނޭ ކަންކަމެެއްނޫންކަމަށާއި ނަމަވެސް އަދަބު ދިނުމަކީ ވެސް އިޞްލާޙީ ފަރުވާގެ ތެރެއިން ހިމެނޭ ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެއީ މުޖުތަމަޢާއި ޤައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި