ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ކާމިޔާބުކުރައްވައިފި އެވެ.

މިރޭ ބޭއްވި އިންތިހާބުގައި ޝާހިދު އެ މަގާމަށް ހޮވި ވަޑައިގެންނެވީ އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލް އާއި ވާދަ ކުރައްވަ އެވެ.

Ad
rt

މިރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ލީ ސިއްރު ވޯޓެކެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓުންނެވެ. އާންމު މަޖިލީހުގައި ހިމެނޭ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުގެ ތާއީދު ރާއްޖެއަށް ލިބިފައިވެ އެވެ.

ރައީސް ހޮވަނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ. ޝާހިދު އިންތިހާބުވެ ވަޑައިގަތީ އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށެވެ. އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށާނީ މިއަހަރުގެ ސެޕްޓެމްބަރު 14، ގަ އެވެ.

އެ މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އެޖެންޑާ ކަނޑައެޅުމާއި، ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުމެވެ.