މެއި 1948 ގައި ފަލަސްޠީނީން އެޤައުމުން ފަހާލައި އެ ނަސްލު ނައްތައިލުމުގެ ގޮތުން ލާއިންސާނީ ހަރަކާތްތަކެއް ހިންގުނެވެ.

އެ ދުވަހުގެ ފަހުން ވަޒަނާއި ވަޠަން ގެއްލުމުގެ އިޙްސާސް ފަލަސްޠީނުގެ ރައްޔިތުން ތަޖުރިބާކުރާތާ މިހާރު 73 އަހަރުވެއްޖެއެވެ. މިއީ ނަކްބާ ގެ ނަމުން މަޝްހޫރުވި ހިތްދަތި ހާދިސާއެވެ.

Ad
rt

އެދުވަހު އިޒްރޭލްގެ ދައުލަތް ވުޖޫދަށް އައެވެ. މި ދައުލަތް އުފެދުމުގެ ފަހަތުގައި ވަނީ އަނިޔާވެރި ކަމާއެކު ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަޒަނާއި ވަޠަނުން ނެރެލާ ޔަހޫދީ އަޣްލަބިއްޔަތެއް އޮންނަދައުލަތެއް އުފެއްދުމުގެ ޒައިނިސްޓު (ސިހްޔޫނީ) ވިސްނުމެވެ.

އެގޮތުން 1947 ކާއި 1949 އާއި ދެމެދު ފަލަސްޠީނުގެ 1.9 މިލައަން ރައްޔިތުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 750،000 ރައްޔިތުންވަނީ ގެއެއްވަޒަނެއް ނެތް ރެފިއުޖީންނަށް ހަދާލައި އެގައުމުގެ އިމުން ބޭރުކޮށްލައިފައެވެ.

ޞިހްޔޫނީ ބާރުތަކުން ވަނީ ޤަދީމީ ފަލަސްޠީނުގެ 530 އަވަށަކާއި ސިޓީއެއް ސުންނާފަތިކޮށް ބިމާއިހަމަކޮށްފައެވެ. އަދި މީގެ އިތުރުން އެކިއެކި ޢުދުވާންތަކުގައި، 70 އެތައް ޤަތުލުޢާއްމެއްގައި، 15000 އަށްވުރެގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައެވެ. (މާތްﷲ އެމީހުންނަށް ރަޙްމަތްލައްވާށި)

މޭ 1948 އަކީ ނަކްބާ، މުޞީބާތުގެ ދުވަހުގެ ގޮތުގައި ރަސްމީކޮށްފާހަގަ ކުރާ ދުވަސްކަމުގައި ވީނަމަވެސް ޞިހްޔޫނީންގެ ގުރޫޕުތަކުން ފަލަސްޠީނު މީހުން އެބައިމީހުންގެ ވަޒަނާއި ވަޠަނުން ފަހާލުމުގެ ހަރަކާތްވަނީ އޭގެ ކުރިން އިފްތިތާހުކޮށްފައެވެ. އަދި ހަޤީޤަތަކީ މޭ 15 އާއި ހަމަޔަށް ފަލަސްޠީނުގެ ރައްޔިތުންގެ ދެބައިކުޅައެއްބައިވަނީ ރެފިއުޖީންނަށް ހަދާ ޤައުމުން އަރުވާލައިފައިކަމެވެ.