ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި މިރޭ ސިޒޭރިއަންހެދި ކޯވިޑަށް ޕޮޒިޓިވްވެފައިވާ މާބަނޑު މީހާގެ ސިޒޭރިއަން ކާމިޔާބު ކަމަށާއި، ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
މައުލޫމާތު ގޯސްނޫންނަމަ މިއީ، އަތޮޅުތަކުގެ ފެސިލިޓީއެއްގަ މިގޮތަށް މެނޭޖުކުރި ފުރަތަމަ ކޭހެވެ.
އެ އަންހެން މީހާއަކީ ށ. ޅައިމަގު ހޯމް ކަރަންޓީނުގަ ހުރުމަށްފަހު ވިހަން ފުނަދޫއަށް ދިޔަ މީހެކެވެ. އެމީހާ ޖެހުނީ ސިޒޭރިއަންއެއް ހަދާށެވެ. އެއަންހެން މީހާއާއި އޭނާގެ ފިރިމީހާ ފުނަދޫއަށް ދަތުރުކުރީ އެޗްޕީއޭގެ ހުއްދައާއިއެކު އުސޫލުތަކާ އެއްގޮތަށެވެ.
ފުނަދޫގައި އައިސޮލޭސަންގައި ތިބުމަށްފަހު، އެ އަންހެން މީހާ ކޯވިޑްއަށް ޓެސްޓް ކުރީ މިރޭ ސިޒޭރިއަން ހަދަން ހަމަޖެހިފަ އޮތުމުން މިއަދުއެވެ. އެ އަންހެން މީހާ ޕޮޒިޓިވްކަން އެނގުނީ މިރެއެވެ. ފިރިމީހާ ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
ށ. އަތޮޅު ހޮސްޕިޓަލްގަ ހުންނަ ޒޯން1 ކޯވިޑް ސެންޓަރުގަ މާބަނޑުމީހުންނަށް ޚާއްޞަކުރެވިފައިވާ ބައިގައި ބޭބީއަކަށް ޚިދުމަތް ހިދުމަތްދެނީ، ފޮޓޯ: ށ. އަތޮޅު ހޮސްޕިޓަލް
އެ އަންހެން މީހާގެ ސިޒޭރިއަން މިރޭ ހަދާފަވާއިރު، ދެ މައިންގެ ހާލުވެސް ވަރަށް ރަނގަޅުކަމަށް ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު "ތިލަދުން"އަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ސިޒޭރިއަން ކާމިޔާބު، ދެމައިން ވެސް ރަނގަޅު، ހޮސްޕިޓަލްގެ ޓީމުގެ މިންނެތް މަސައްކަތަށް ފަޚުރުވެރިވަން" ޒުމްރަތު ވިދާޅުވިއެވެ.
ހއ. ހދ. އަދި ށ. އަތޮޅަށް ޚާއްޞަ ޒޯން 1 ކޮވިޑް ސެންޓަރ ހުންނަނީ އެ ހޮސްޕިޓަލްގައެވެ. އެ ސެންޓަރުގަ ޕޮޒިޓިވް މާބަނޑު މީހުންނަށް ޚާއްޞަ ޖާގަ ހަމަޖައްސާފަ ހުރެއެވެ. ބޭބީ ވާމަރ، އިންކިއުބޭޓަރ، ފޮޓޯތެރަޕީ އަދި ބޭބީ ވެންޓިލޭޓަރ ފަދަ ވަސީލަތްތައް ވެސް ހުރެއެވެ.
އެ ސެންޓަރުގައި މާބަނޑު މީހުންނަށް ހާއްސަ ކުރެވިފަވާ ބައި، ފޮޓޯ: ށ. އަތޮޅު ހޮސްޕިޓަލް
މި ސެންޓަރުގައި މީގެކުރީން ވަނީ ހޯމް ކަރަންޓީނު 3 ކޭހެއް ވެސް މެނޭޖުކޮށްފައެވެ. އެއީ ޅ. ނައިފަރު ހޯމް ކަރަންޓީނުގައި ހުރުމަށްފަހު ވިހަން އެ ހޮސްޕިޓަލަށް ދިޔަ މާބަނޑު މީހަކާއި، ކުޅުދުއްފުށީ ސިޓީގައި ހޯމް ކަރަންޓީނުގައި ހުރުމަށްފަހު ވިހަން އެ ހޮސްޕިޓަލަށް ދިޔަ މާބަނޑު މީހެއްގެ އިތުރުން ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރުމަށްފަހު ވިހަން އެ ހޮސްޕިޓަލަށް ދިޔަ މާބަނޑު މީހެކެވެ. އެ ތިން ކޭސްވެސް އެ ހޮސްޕިޓަލުން ވަނީ ކާމިޔާބު ކަމާއެކު މެނޭޖްކޮށްފަ އެވެ.
"ހޯމް ކަރަންޓީނުގަ ތިބޭ މާބަނޑު މީހުން ވިހެއުމުގެ ޕްރޮސީޖާވެސް މި އޮންނަނީ ޕޮޒިޓިވްކޭހަކާމެދު އަމަލުކުރާ ބީދައިން، އެ ކޭސްތަކުގެ ތަޖުރިބާގެ އަލީގައި މިރޭގެ ކޭސް މި މެނޭޖްކުރީ" ޒުމްރަތު ވިދާޅުވިއެވެ.
ށ. އަތޮޅު ހޮސްޕިޓަލްގެ ކޯވީޑް ލެބް،
ޒުމްރަތު އަބަދުވެސް ވިދާޅުވާ ވާހަކައެއް މިރޭވެސް ތަކުރާރު ކުރެއްވިއެވެ. އެ ހޮސްޕިޓަލުން ހޯދާ ކާމިޔާބީއާއި، ކުރެވޭ މަސައްކަތުގެ ފުރިހަމަކަމުގެ އަސްލަކީ އެ ހޮސްޕިޓަލްގެ ހީވާގި ޓީމުކަމަށެވެ. އެ ހޮސްޕިޓަލްގެ ޑަކްޓަރުންނާއި، ނަރުހުންނާއި، އެހެނިހެން ހުރިހާ މުވައްޒަފުން ވަމުންދާ ގުރުބާނީ ޒުމްރަތު ފާހަގަކުރެއްވީ ޝުކުރުވެރިކަމާއެކު އެވެ.
އެ ހޮސްޕިޓަލްގަ ހުންނަ ޒޯން 1 ކޮވިޑް ސެންޓަރ ހުޅުވުނީ 16 ޖުލައި 2020 ގައެވެ. އެ ސެންޓަރަކީ ފުރަތަމަ އަތޮޅެއްގައި ކޯވިޑް ބަލި މީހެއް އެޑްމިޓްކުރި ސެންޓަރެވެ. ޖުލައި 28 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރެވުނީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. އެއަށްފަހު މިއަދާ ހަމައަށް ވެސް އެ ސެންޓަރުގަ ކޯވިޑް ބަލިމީހުން ނުތިބޭ އިރެއް ނުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!