ހަސީނާ (އަސްލުނަމެއްނޫން) އޭނާގެ ދަރިފުޅު އާމިނާ (އަސްލުނަމެއްނޫން) ގޮވައިގެން އެކަނި މާއެކަނީ އުޅޭތާ މިހާރު އާމިނާގެ އުމުރުން ވީހާ ދުވަހެއް ވީއެވެ. އާމިނާގެ އުމުރުން މިހާރު 32 އަހަރެވެ.
އާމިނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އޭނާގެ މުޅި ދިރިއުޅުން ހޭދަކޮށްފައިވަނީ އެނދެއްގައެވެ. ހަސީނާގެ ވަރަށް ޅައުމުރުގައި ކުރި ކައިވެންޏަކަށް ލިބުނު ތިންކުދިންގެ ތެރެއިން އާމިނާއަކީ ތިންވަނަ ދަރިފުޅެވެ.
އާމިނާގެ ވަރަށް ޅައުމުރުގައި ހަސިނާގެ ކައިވެނިވަނީ ރޫޅިފައެވެ. އަދި އޭގެ ފަހުން ކައިވެންޏެއް ކުރިކަމުގައި ވިޔަސް އެވެސްވީ ވަރަށް ކުރު ތަޖުރިބާއަކަށެވެ.
އެދެމައިންގެ ގެއަކީ ކޮޓަރިއެކެވެ. ކައްކާ ކައިބޮއި ހަދަނީވެސް އެކޮޓަރީގައެވެ. ކުއްޔަށް ކޮޓަރިއެއްގައި އުޅެންޖެހިފައިވަނީ އަމިއްލަގޭގައި އުޅެވޭނެގޮތެއް ނެތިގެންނެވެ.
އަމިއްލަ އެއްވެސް ކަމެއް ކުރާނެ ވަގުތެއް ހަސީނާއަކަށް ނޯވެއެވެ. މިހެން ބުންޏަސް އާމްދަނީ ހޯދުމަށްޓަކާ ފެހުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރެއެވެ. އެއީ ދައުލަތުން ލިބޭ 2000 ރުފިޔާއާއި ގޭގައި ހުރި ކޮޓަރީގެ ކުއްޔަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީއެވެ.
ހަސީނާއަކީ އެކަނިވެރި މައެކެވެ. އެހެންނަމަވެސް، ދަރިފުޅުގެ އުމުރުން 18 އަހަރު ފުރިފައިވުމުން އެކަނިވެރިމައެއްގެ ގޮތުގައި ޝަރުތު ހަމައެއް ނުވެއެވެ.
އާމިނާ ބޭރަށް ނެރެލަން ބައިންދާނެ ގޮނޑިއެއް ނެތެވެ. ފެންވަރުވާ ހަދަން އަދި ނެޕީ ޗޭންޖް ކުރަން އުޅުމުގެ ތެރޭގައި ދެމައިންނަށް ވެސް އަނިޔާވާ ފަހަރު މަދެއް ނޫނެވެ.
އެދެމައިންގެ ވާހަކަ ނޫހެއްގައި ޖަހާކަށް ހަސީނާ ބޭނުމެއް ނޫނެވެ. މިހާރުވެސް މީހުންގެ ފަރާތުން ލިބޭ ހިތްދަތިކަން އޭނާއަށް ކެތްކުރެވޭ ވަރަށްވުރެ ބޮޑެވެ. އެކަހެރިކޮށްލާފައި ތިބުމާއި އަޅާލާނެ ޔާރެއް ވާލެއް ނެތުމެވެ.
އަޅުގަޑު ހިތަށް އަރައެވެ.
އާމިނާ ކަހަލަ "ކުދިން" ބެލުމުގައި މުޅި އުމުރު ހޭދަކުރާ މައިން ރާއްޖޭގައި ގިނައެވެ. އެންސްޕާ ކަހަލަ ތަނަކާއި ގުޅިގެން ކައުންސިލްތަކުން އެމީހުންނަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ބަލާނެނަމައެވެ.
ދެތިންހަތަރު ގަޑުގެ ފޯމު ފުރައިގެން އެއާއިއެކު އެތައް ލިޔުމެއް ހުށަހަޅައިގެން ނިކަމެތިކަން ސާބިތުކޮށްދީގެން، ސަލާންޖަހާނެ ވަގުތެއް އެމީހުން އަތަކު ނެތެވެ.
މިފަދަ ހާލަތުގައި ބަލަންޖެހޭ ކުދިން އުފުލުގެންގުޅުމާއި ކާންދީ ފެންވަރުވާ ހެދުމުގައި ބޭނުންކުރާނެ ހޮއިސްޓްފަދަ އާލާތްތައް ދުނިޔޭގައި ހުރެއެވެ. ހަސީނާމެންނަށް އެއެއްޗެހި އިންޓަނެޓަށް ވަދެގެން ހޯދާ ކޮޓޭޝަން ގެނެސް އެންސްޕާއިން އެހީހޯދައިގެން އިމްޕޯޓުކޮށް އަދި އެސެމްބަލް ކުރެވޭނެ ގާބިލު ކަމެއް ނެތެވެ.
އެންސްޕާއިން ނުވަތަ އެތަނުން އައުޓްސޯސްކޮށް ކަނޑައަޅާ ފަރާތަކުން އާމިނައާއި ހަސީނާއަށް ޒިޔާރަތްކޮށް އެމީހުންނަށް އަޅާލާނެ އޯގާތެރިކަން މިކަންކަމާ ހަވާލުވެތިބި މީހުންނަށް މާތްﷲ މިންވަރު ކުރައްވާތޯ ދުއާކޮށްދެއްވާށެވެ.
އަމިއްލަ ވަގުތު ކޮޅެއް ހަސީނާއަށް ވެސް ހައްގެވެ. އެކަން ބަޔަކަށް އެނގޭނެ ނަމައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!