އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން އިން ރޭ ބޭއްވި މުޒާހަރާ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މުޒާހަރާ އިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި އެ އެންމެން ދޫކޮށްލި ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އެމީހުން ހައްޔަރުކުރީ ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ގިނަ މީހުން އެއްވެ އުޅުމުންނެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް މިނިވަންކުރަން ގޮވާލާ "ދޭތިން އެކައްޗަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މި މުޒާހަރާ ރޭ ކުރިއަށް ދިޔައީ އެ ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމް އޮފީހުގެ ދޮރުމަތީގައައާއި، މާލޭގެ އެހެން ބައެއް ސަރަހައްދު ތަކުގަ އެވެ.
އެ މުޒާހަރާއިން ރޭ ހައްޔަރުކުރި ބާރަ މީހުންގެ ތެރޭގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ފަތުހީއާއި، ރާގިބުވެސް ހިމެނިވަޑައިގަންނަވަ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން މީހުން ހައްޔަރުކުރުމުން އެ ކޯލިޝަނުން ރޭ ވަނީ އެކަން ކުއްވެރިކޮށް ނޫސް ބަޔާނެއް ވެސް ނެރެފަ އެވެ. އެބަޔާނުގައި ވަނީ ރޭ ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން އެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް، ޕީއެންސީގެ ކައުންސިލް މެންބަރުންނާއި، ކޮމެޓީތަކުގެ މެންބަރުންނާއި ޢާންމު ރައްޔިތުންގެ އިތުރުން ލޯޔަރުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށްފަކަމަށް ވަނީ ބުނެފައެވެ.
އިދިކޮޅު ލީޑަރު، ރައީސް ޔާމީން މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލުމުން އެ ކޯލިޝަނުން އަންނަނީ މެދު ނުކެނޑި ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!