ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ކޮޅު ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން ޗެލްސީގެ ޖަރުމަނު ފޯވާޑް ވާނާއަށް ލިބުނު ހުސް ފުރުޞަތު ފާހަގަ ކޮށްލެވެއެވެ. ގޯލް އޭރިއާގެ ތެރޭ ހުސްކޮށް ހުރެ ވާނާ ފޮނުވައިލި ބޯޅަ ރެއާލްގެ ކީޕް ކޯޓުއާ ވަނީ ދިފާއު ކޮށްފައެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑް ނަގާފައި ވަނީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޗެލްސީއަށް ކުޅެމުން އަންނަ އެމެރިކާގެ ކްރިސްޓިއަން ޕްލިސިޗެވެ. ޕްލިސިޗް ވެގެން ގޮސްފައި ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލަނޑުޖެހި އެމެރިކާގެ ފުރަތަމަ ކުޅުންތެރިއާއަށެވެ.

ބައިކޮޅަށް ވަތް މި ލަނޑާއިއެކު ރެއާލުން ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން 23 ވަނަ މިނެޓުގައި ބެންޒެމާ ފޮނުވައިލި ބާރު ހަމަލާ ޗެލްސީގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. މެޗުގެ ނަތީޖާ ރެއާލަށް ހަމަހަމަ ކޮށްދީފައިވަނީ 29 ވަނަ މިނެޓުގައި ބެންޒެމާއެވެ. މިއީ ބެންޒެމާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 71 ވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ފާހުގައި ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުޞަތެއް ވެސް ތަނަވަސް ކުރެވިފައި ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޗެލްސީގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އެންގޯލޯ ކަންޓޭއެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެރޭ ޗެލްސީގެ ދަނޑުގައެވެ. މި މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ޕީއެސްޖީއާއި މެންޗެސްޓާ ސިޓީއެވެ. މި ދެ ޓީމް ވާދަކުރާ ފުރަތަމަ ލެގުގެ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ.